އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓް ރައްޔިތުންނަށް ހެޔޮއެދޭ ބުއްދި ސަލާމާތުން ތިބި ބަޔަކު ފާސް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަޖެޓް ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިއީ ދުނިޔޭގެ ތާރީހުގައިވެސް މިފަދަ އިޤްތިޞާދީ ބޮޑު އަދަވަޅެއްގައި ދުނިޔެ އޮތްވާ ފާސްކުރާ މިފަދަ ފުރަތަމަ ބަޖެޓްކަމަށެވެ. މިބަޖެޓް ފާސްކޮށްދީފިނަމަ އެދެވެނީ މުޅި ޤައުމަށާއި ރައްޔިތުންނަށް ބޮޑު ދެރައެއްކަމަށް ސަލީމް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ 50 އިންސައްތައަށްވުރެ ބޮޑީ ދަރަންޏަށް ވާއިރު، ދަރަނިނިން ސަލާމަތްވާނެ އެއްވެސް ގޮތެއް ބަޖެޓުން ނުފެންނަކަމަށެވެ. ބަޖެޓުގައި އިތުރަށްވެސް އޮތީ ސުކޫކާއި، ބޮންޑު ވިއްކައިގެން އާމްދަނީ ހޯދުންކަމަށާއި، އެއީވެސް އިތުރުކުރެވޭ ދަރަންޏެއްކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 37 ބިލިޔަން ރުފިޔާގެ ދަރަނި ބަޖެޓެއް ފާސްކުރުމުގެ ބަދަލުގައި ހާލަތަށް ބަލައި 26 ބިލިޔަން ރުފިޔާއަށް ބަޖެޓް ތިރިކުރަން ޖެހޭކަމަށެވެ.
އަންނަ އަހަރަކީ ބުރިޖުޖާއި، ބިން ހިއްކުމާއި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަންވީ އަހަރު ނޫންކަމަށާއި، އަންނަ އަހަރު ސަރުކާރުން އަމާޒު ހިފަންވީ އަސަސީ ހިދުމްތައް ފޯރުކޮށް ދިނުމަށްކަމަށް ސަލީމް ވިދާޅުވިއެވެ. ކޯވިޑާއިއެކު މުޅި ދުނިޔެއަށް އިޤްތިޞާދީ ބޮޑު ލޮޅުމެއް އައިސްފައިވާއިރު މިހާލަތުން އަރައިގަނެވޭނީ އަންނަ އަހަރުގެ މެދުތެރެއަށް އިތުރު ބަޖެޓެއްގެ ގޮތުގައި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅޭގެ ގޮތަކަށް ކަންކަން ޕްލެއިން ކުރެވިގެންކަމަށް ސަލީމް ވިދާޅުވިއެވެ.
މިއީ ފައިސާގެ ހިސާބު ދަންނަ ބަޔަކު ކުރާނެ ކަމެއްނޫން މިއީ. މާދަމާވެސް ކަމެއް ދިމާވެދާނެ ކަމަށް ބަލާފަ ބަޖެޓް އެކުލަވާލަންވާނީ. ރާއްޖޭގެ ހާލަތަށް ބަލާފަ އަންނަ އަހަރު މެދު ތެރެއިން ސަޕްލިމަންޓްރީ ބަޖެޓޭއް ހުށަހަޅަންޖެހޭ. ހެޔޮވިސްނޭ، ހަމަ ބުއްދި ހުރި މީހަކު މިބަޖެޓަށް ތާއީދު ނުކުރާނެ. ގަވަރުނަރު، އޮޑިޓަ ޖެެރަލްވެސް މިބަޖެޓަށް ތާއީދު ނުކުރޭ.
– ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މާލީ އިދާރާތަކުން ދެއްވާ ލަފާއަކީ މިވަގުތު ރާއްޖެއިން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމަށެވެ. އެކަންކަމަށް ސަރުކާރުން އިޖާބަ ނުދޭނަމަ ރާއްޖޭގެ ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އަރައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކުރާ ތަކެތީގެ އަގުވެސް އިންތިހާއަށް ބޮޑުވެގެންދާނެކަމަށް ސަލީމް ވިދާޅުވިއެވެ.
ވިސްނަން ޖެހޭނީ މިއީ ގަދަފައި ވިއްދާފައި މަޝްރޫޢު ހިންގަންވީ ވަގުތެއްނޫންކަން. މިކަމުގެ ނަތީޖާއަކަށްވާނީ ރައްޔިތުން ނިކަމެތިވުމުން. 26 ބިލިޔަނަށް މިބަޖެޓް ކަނޑައެޅުމަކީ މައްސަލައެއްނޫން. މި ބަޖެޓްގެ ފާސްކުމުން ޑޮލަރު 25 އިން 20 އަށް އަރައިގެން ދިއުމުގެ ފުރުސަތުބޮޑު. ތަކެތީގެ އަގު އުފުލޭނެ. މިއީ ބުއްދި ސަލާމަތުން ތިބެގެން ފާސްކުރާ ވަރުގެ ބަޖެޓެއްނޫން. އަންނަ އަހަރުވެސް އާމްދަނީ ދަށްވާން ނޭދެން.
– ސަލީމް ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފަިއވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ. އިއްޔެ ބޭއްވި ބަޖެޓް ކޮމިޓީގައި ގަވަރުނަރު ވަނީ އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓުގައިވާ ޕީއެސްއައިޕީގެ މަސައްކަތް މަޑު ޖެއްސުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އަންނައަހަރު އަމާޒު ކަނޑައަޅަންވީ މުސާރައާއި، ކާބޯތަކެތީގެ ކަށަވަރުކަން ޔަގީން ކުރުމަށް ކަމުގައި ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ