ތަރުހީބާއި، ފާޑުކިޔުން އަމާޒުވި ކުޅުދުއްފުށީ މަށި މާލި ޕެރޭޑްގެ ދިފާޢުގައި މޭޔަރު!

ތަރުހީބާއި، ފާޑުކިޔުން އަމާޒުވި ކުޅުދުއްފުށީ މަށި މާލި ޕެރޭޑްގެ ދިފާޢުގައި މޭޔަރު!

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2022 03:31
0

އީދުގެ ހަރަކާތްތަކާއި ގުޅިގެން ކުޅުދުއްފުށީގައި ނެރޭ މަށި މާލި ޕެރޭޑަށް ބޮޑު ތަރުހީބަކާއިއެކުވެސް ކިޔަމުންދިޔަ ފާޑުކިޔުންތަކުގެ ދިފާއުގައި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވާހަކަފުޅު ދައްކަވައިފިއެވެ.

މިފަހަރުގެ މަށިމާލި ޕެރޭޑްގައި ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ގިނަ ހާދިސާތައް މަލީގެ ސިފައިގައި ވަނީ ދައްކުވާފައެވެ. އޭގެ ތެރޭގައި ސިޔާސީ ގޮގޮތުން ރާއްޖޭގެ މަޝްރަހުގައި އެންމެ ފަހަގަކޮށްލެވޭ ހާދިސާތަކާއި، ކަންކަމާއި ގުޅުވައި ވަނީ މާލިތައް ތައްޔާރުކޮށްފައެވެ. މިވެންޓުގައި އާންމު އަޚުލާގީ މިންގަނޑާއި ޚިލާފް ކަންތައްތަކެއް ފެނިގެން ދިޔަކަމަށް ބައެއް ފަރާތްތަކުން ދިޔައީ ވާހަކަދައްކަމުންނެވެ.

މިހާކަތަކުގެ ދިފާއުފައި މޭޔަރު އާތިފް ވިދާޅުވީ މީސް މިޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށެވެ. މަށިމާލި ޕެރޭޑަކީ މާއްޔާއި ފުޅަނދު އަދި މެސެޖުގެގޮތުން މުއްސަނދި ހަރަކާތެއް ކަމަަށެވެ.

މޭޔަރު ވިދާޅުވީ ޒަމާނުންސުރެ މި ޕެރޭޑްގައި މަށިމާލީގެ އިތުރުން ބޭރު އަދި ދިވެހި މަޝްހޫރު ސަހުސިއްޔަތުތައް، ސިޔާސީ ފަރާތްތައް، ހާދިސާތަކުގެ ރޯލްޕްލޭ ޑްރާމާތައް، ސިޔާސީ ފަރާތްތަކުން ވެފައިވާ ވައުދުތައް، ޤައުމުގަ ހިނގާ ކަންކަމާމެދު މީހުން ދެކޭގޮތް، މޫވީ ކެރެކްޓަރސް، އަދި ދުނިޔެއާއި ރާއްޖޭގައި އެދުވަސްވަރު އެންމެ ޓްރެންޑިން ކަންކަން ދައްކުވައިދޭ މާއްޔާއި ފުޅަނދު ތަކެއްކަމަށެވެ.

ގިނަފަހަރު ހުށަހެޅުންތައް ފެނިގެންދަނީ ސަމާސާ ހެއްވާ ލާނެތް ގޮތްތަކަށް ކަމަށާއި ފަހަރުގަ އެ ދޭ މެސެޖް އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަހުމުވުމުގައި އުނދަގޫ ގޮތްތަކެއްވެސް ހުރެދާނެކަން އެނގޭ ސަބަބަކީ ރަށުގެ ބަހުރުވައިން ދައްކާ ވާހަކަވެސް އެހެން ދިވެހީންނަށް ފަހުމު ވުމުގައި ދަތިތަކާ ކުރިމަތިވުން ކަމަށެވެ.

އެހެންނަމަވެސް މަށިމާލި ޕެރޭޑަކީ އެއްތަނެއްގައި އެއްބަޔަކު ތައްޔާރުކުރާ މާލި ތަކަކަށް ނުވުމުން ބައެއް އަހަރުތަކުގައި އާންމު އިޖްތިމާއީ މިންގަނޑު ތަކާ ދުރު މާލި މަދުންނަމަވެސް ޕެރޭޑާ ގުޅޭކަން ފާހަގަ ކުރެވެއެވެ. އަދި އެކަންކަން ކުޑަކުރުމަށްޓަކައި ޕެރޭޑްގެ އިންތިޒާމް ކޮމެޓީއާއި ކައުންސިލްގެ ފަރާތުން އަންނަނީ އިރުޝާދުތައް އާންމުންނަށް ފޯރުކޮށްދެމުންނެވެ.

– މޭޔަރު ވިދާޅުވެފައިވެއެވެ.

މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ ނޫސްތަކުގައި ޕެރޭޑާ ބެހޭގޮތުން އާޓިކަލް ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިއަށްއޮތްތަނުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރަނގަޅަށް ޕެރޭޑު ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްފަހު، ނުވަތަ ޕެރޭޑުގައި ވާނުވާ އޮޅުންފިލުވުމަށްފަހު ލިއުންތައް ތައްޔާރުކޮށް އާންމުކުރުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މިފަހަރުގެ ޕެރޭޑުގައި އާއްމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު މިދުވަސްކޮޅު އެންމެ ބޮޑަށް އާންމުންގެ ތެރޭގައި ދެކެވޭ އެއްވާހަކަ ކަމުގައިވާ އެއްޖިއްސުން ގުޅުން ހިއްގުމާއި ގުޅިގެން ތައްޔާރުކުރި މަށި މާއްޔަށެވެ. "އެކޮޓަރި ކޮޅު" ބިޒްނަސް މީޓިން ރޫމްގެ ނަން ލިޔެ ތައްޔާރު ކޮށްފައިވާ އެއްޗަށް ދެމީހަކު އަރުވައިގެންދާ މަންޒަރު އެ ޕެރޭޑްގައި ފެނިގެން ގޮސްފައިވެއެވެ.

ގިނަ ބައެއްގެ ސަމާލުކަން އަބަދުވަސް މިޕެރޭޑަށް ލިބޭ

މީގެ އިތުރުން ޕެރޭޑުގެ ތެރެއިން އެރަށަށް ސަރުކާރުން ވެފައިވާ ވައުދުތަކަގެ ތެރެއިން ނުފުއްދި ހުރި ވައުދުތައް ހަނދާން އާވާނެ ގޮތަކަށް ވަނީ ގެނެސްދީފައެވެ. އެގޮތުން ވިހެއުމުން ލިބޭ ހަދިޔާ ފޮށީގެ ވާހަތަކާއި، ކުޅުދުއްފުށީ އައިސް ޕްލާންޓުގެ ވާހަކައާއި، އެރަށު އެއާޕޯޓްގެ އަނދިރި ތާރުގަނޑުގެ ވާހަކަވެސް ހިމެނޭގޮތަށް މާލި ޕެރޭޑްގައި ތަކެތި ވަނީ ތައްޔާރުކޮށްފައެވެ.

މަށިމާލި ޕެރޭޑަކީ، އެއިރެއްގައި، މުޖުތަމަޢުގެ ތެރޭގައި އެންމެ ދެކެވޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކެރެކްޓާތަކެއް ފެންނަ ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.