ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންތިބި ކަސްޓޯޑިއަލްއަށް އިންޑިއާ އޮފިޝަލުން ނުވަދޭ: ފުލުހުން

ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންތިބި ކަސްޓޯޑިއަލްއަށް އިންޑިއާ އޮފިޝަލުން ނުވަދޭ: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2022 10:39
0

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި މީހުންތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަތްކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެ. އެންމެންގެވެސް ބަންދުގެ މުއްދަތުތައް ދަނީ ހަމަވާ އިރަށް އިތުރު ކުރަމުންނެވެ. ބަންދުގެ މުއްދަތު އިތުރު ކުރާތީ ހައްޔަރު ކުރި މީހުންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލަކު ވަނީ މިހަމަނުޖެހުމުގައި ހަޔަރުކޮށްފައިވާ މީހުންތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަދެފައިވާކަމަށެވެ.

ހައްޔަރުކުރި މީހުންގެ ވަކީލުންގެ ފަރާާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު އަހުމަދު ރާގިބު ވިދާޅުވީ ހައްޔަރުކުރީ މިހުން ފުލުހުންގެ ކަސްޓޯޑިއަލްގައި ތިއްބާ އިންޑިއާގެ އެމްބަސީން އޮފިޝަލުންތަކެއް އެ ކަސްޓޯޑިއަލްއަށް ވަތް ކަމަށެވެ. އަދި ކަސްޓޯޑިއަލްއަށް ވަދެ ބެލީ ޔޯގާގެ ހަރަކާތުގެ ތެރެއިން އެ މީހުންގެ ގައިގައި ޖެހިކަމަށް ބުނާ މީހުން ހައްޔަރުކޮށްފައި ތިބިތޯ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހައްޔަރުކޮށްފައި ތިބި މީހުންނަށް އިނގިލި ދިއްކޮށް ފާހަގަކޮށް އަދި ވަރަށް ހަޑި ހުތުރުކޮށް ވާހަކަ ދެއްކި ކަމަށް ރާގިބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެގޮތަށް އިންޑިއާގެ އޮފިޝަލުންނަށް ކަސްޓޯޑިއަލުންނަށް ނުވަދެވޭނެ ކަމަށާއި ވަކީލުންނަށް ވެސް މުވައްކިލުންނާ ބައްދަލުކުރަން ވަދެވެނީ އެތައް ފޯމެއް ފުރައި ހުއްދަ ހޯދައިގެން ވަރަށް މަސައްކަތުން ކަމަށެވެ.

ނަމަވެސް މިވާހަކަތައް ދޮގުކޮށް ފުލުހުން ވިދާޅުވީ މިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ތަކާއި ގުޅިގެން ހައްޔަރުކުރި މީހުން ބަންދުގައި ބައިތިއްބާފައިތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަތް ކަމަށްބުނެ ބަންދުގައި ތިބި މީހުންގެ ވަކީލުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ގެނެސްދީފައިވާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށެވެ.

މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިނލަބުވެ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއިމެދު ނަފްރަތު އުފެދި އިތުބާރު ގެއްލިދާނެފަދަ ކަމެއްކަމުގައި ވީހިނދު، މިފަދަ ޚަބަރުތައް ގެނެސް ދިނުމުގައި އިތުބާރުކުރެވޭ މަސްދަރުތަކުން ޔަގީން ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި، ހައިކޮމިޝަންތަކުގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ. މިހަރަކާތަށް ހުރަސްއަޅައި ހިންގި އަމަލު ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށް އެއަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުލަވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ދޮގުނުހަދަބަލަ އިންޑިޔާ މބަަސީއްފުސަރުންގެވާހަކައެއްނު އޮތީދެންކީކުރަން ނުހައްގިން އެމޯޙުންހިފަހަނަޓާގެންއުޅެނީ