އާދެ! މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހެވެ. މިއަދަކީ ޙައްޖުވެރިން އަދާކުރާ ރުކުންތަކާއި ވާޖިބުތަކުގެ ތެރެއިން އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތުގައި މަޑުކުރާ މަޑުކުރުން މަޑުކުރާ ދުވަހެވެ. މިއަދުގެ އިރު މެދުއުޑުން ވީއްލުމާއިއެކު، އިރު އޮއްސުމާހަމަ އަށް އެއީ ޢަރަފާތުގައި މަޑުކުރާ ވަގުތެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (الْحَجُّ عَرَفَةُ) رواه النسائي މާނައީ: "ޙައްޖަކީ ޢަރަފާތެވެ."
މިއުފާވެރި ދުވަހުގެ ބަރަކާތާ ސަވާބު އަޅަމެން އެންމެނަށްވެސް ދެއްވުން އެދި ދުޢާކުރަމެވެ. އާދެ! މިދުވަހުގެ މި މަތިވެރި އަޅުކަން ޚާއްޞަވާ ބައިވަރު ގޮތްތައް އެބަހުއްޓެވެ. ދުނިޔޭގެ އެތަންމިތަނުން އެކިފަންތީއެކި އެތައް މިލިޔަން ބަޔަކު ﷲ އަށްޓަކައި، އެކަލާނގެ ރަޙްމަތަށް އެދިގެން ހުދު ފޭރާމުގައި، މުއްސަންޖަކަސް ފަޤީރަކަސް، ބާރުގަދަ މީހަކަސް ނިކަމެއްޗަކަސް ﷲގެ ޙަޟްރަތައް ހުއްޓިހުރެ މުނާޖާ ދަންނަވައެވެ.
މަޙްޝަރުދުވަހުގެ މައިދާނުގައި ޚަލްޤުތަކުން އެއްކުރެވިދާނޭ ކަންވެސް ހިތްމައްޗަށް ގެނެސްދެވޭ މިދުވަހުގައި، ހުރިހާ އެންމެންވެސް ހަމަހަމަ ކަމާއިއެކު، ތިބެނީ ﷲ ތަޢާލާއަށް މުނާޖާ ދެންނެވުމުގައެވެ. މިމަންޒަރަކީ ކޮންފަދަ ފުރިހަމަ މަންޒަރެއް ތޯއެވެ! މިއީ ﷲ ތަޢާލާ އުފާވެވޮޑިގެންވާ މަންޒަރެކެވެ.
ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ. "إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلَائِكَتَهُ بِأَهْلِ عَرَفَةَ عَشِيَّةَ عَرَفَةَ فَيَقُولُ : انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثًا غُبْرًا " މާނައީ: "ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ މަލާއިކަތުންގެ މައްޗަށް ޢަރަފާތުގެ އަހުލުވެރިންގެ ސަބަބުން ޢަރަފާތްދުވަހު ފަޚުރުވެރިވޮޑިގަނެއެވެ.
އަދި ބަސްފުޅު ވަޙީކުރައްވައެވެ. "ތިމަންއިލާހުގެ އަޅުތަކުންނަށް ބަލާބަލާށެވެ. ތިމަންއިލާހަށްޓަކައި އެބައިމީހުން ބޯހޭވި ހިރަފުސްވެފައިވާ ހާލުގައި އެވަނީ އައިސްފައެވެ." رواه أحمد އަދިވެސް މިމަތިވެރި ދުވަސް ޚާއްޞަވާ އެހެންކަމެއް ވެއެވެ. ފަހެ ﷲ ތަޢާލާ އަޅުތަކުން ނަރަކައިން އެންމެ ގިނައިން މުއްތިކުރައްވަނީ މިދުވަހުއެވެ.
ފަހެ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنْ النَّارِ مِنْ يَوْمِ عَرَفَةَ" رواه مسلم މާނައީ: "ދުވަސްތަކުގެ ތެރެއިން اللهސުބުޙާނަހޫ ވަތަޢާލާ، ޢަރަފާތްދުވަހަށްވުރެ ގިނައިން އެހެންދުވަހެއްގައި، އަޅުތަކުން ނަރަކައިން މުއްތި ނުކުރައްވަތެވެ." ޙައްޖު ދުވަހުގެ މާތްކަން ހޯދުމަށް ހުރިހާ އެންމެންވެސް ހެޔޮ ދުޢާކުރުންމަތީ ޤާއިމްވުން ހުއްޓެވެ. އެގޮތުން އަންނަނިވި ދުޢާއަކީ ސުންނަތުން ސާބިތުވެފައިވާ ދުޢާއެވެ.
ފަހެ އިތުރު އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ" رواه الترمذي މާނައީ: "އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތްދުވަހުގައި ކުރާދުޢާއެވެ. ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ."
ޙައްޖަށް ދެވުނު ފަރާތްތަކަށް މިހާ ބޮޑެތި ޘަވާބާ ދަރުމަހުރި އިރު، ޙައްޖަށް ނުދެވޭ ފަރާތްތަކަށްވެސް ﷲ ތަޢާލާ ވަނީ ސަވާބު ލިބޭނޭ ގޮތްތައް އެކަލާނގެ ރަޙުމަތުން ތަނަވަސް ކުރައްވާފައެވެ. އެގޮތުން ޙައްޖުވެރިންނަށް ޢަރަފާތް ދުވަހު ރޯދަ ހިފުން މަނާކުރެވުނުއިރު، ޙައްޖުވެރިން ނޫންފަރާތްތަކަށް އެދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. 2 އަހަރުދުވަހުގެ ކައްފާރާ އެއްކަމުގައި އެ ދުވަހުގެ ރޯދަ ލެއްވިފައިވެއެވެ. ކޮންފަދަ ދީލަތިކަމެއް ތޯއެވެ.
އަންނަނިވި ޙަދީޘްކިޔާލައްވާށެވެ! "صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ" رواه مسلم މާނައީ: "ޢަރަފާތް ދުވަހުގެ ރޯދަޔާއި ބެހޭގޮތުން ތިމަންކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން، އެއީ އެދުވަހުގެ ކުރިޔަށް އޮތް އަހަރުގެ ފާފަޔާއި އަދި އެދުވަހުގެ ފަހުން އަންނަން އޮތް އަހަރުގެ ފާފަތައް ފުހެލާނެ ރޯދައެއްކަމަށް އުއްމީދުކު ރައްވަމެވެ."
އާދެ! ނިންމާލުމުގެ ކުރިން އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭ ވަރަށް ބޮޑުކަމެއް އެބައޮތެވެ. އެއީ އަޅުގަނޑުމެންގެ ދީން ﷲ ތަޢާލާވަނީ ފުރިހަމަ ކުރައްވާފައިކަމެވެ. މިދީނަކަށް އުނި އިތުރު ކުރުމެއް ނެތެވެ. އަޅުގަނޑުމެންނަށްޓަކައި މިދީންވަނީ ފުރިހަމަކުރެވި، ލުއި ފަސޭހަ ކުރެއްވިފައެވެ. ފަހެ ޢުމަރު ބިން ޚައްޠާބުގެ ކިބައިން ރިވާވެގެންވެއެވެ. ޔަހޫދީންގެ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ.
އޭ އަމީރުލް މުއުމިނީންއެވެ. ތިޔަބައިމީހުންގެ ފޮތުގައި (ޤުރުއާނުގައި) ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއް، އެއީ ތިމަންނާމެން ޔަހޫދީންގެ މައްޗަށްވާނަމަ އެދުވަހަކީ ބޮޑުވެގެންވާ ޢީދެއްކަމުގައި ހެދީމުހެވެ. ވިދާޅުވިއެވެ. ކޮން އާޔަތެއް ހެއްޔެވެ؟ ޔަހޫދީ މީހާ ބުންޏެވެ. " الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا(މިއާޔަތެވެ.)" ޢުމަރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. ތިމަންބޭކަލުންނަށް ހަމަކަށަވަރުން ތިޔަދުވަސް އެނގެއެވެ.
އަދި އެއާޔަތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވަލެއްވި ތަންވެސް އެނގެއެވެ. އެތަނަކީ ހުކުރު ދުވަހު ޢަރަފާތް ބިމުގައި އެކަލޭގެފާނު ތެދުވެވަޑައިގެން ހުންނަވަނިކޮށެވެ." رواه البخاري ﷲ ތަޢާލާ މިދުވަހުގެ ހެޔޮކަމުން އަޅަމެންގެ އެކަކުވެސް މަޙްރޫމް ނުކުރައްވާށިއެވެ.