މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނެ އެއްވެސްކަމެއް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް ގޮވާލައްވައިފިއެވެ.
މީކާއީލު މިކަމަށް ގޮވާލެއްވީ، މާލެ ސަރަޙައްދުން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނޭކަމެއް ކަމުގައި ނުފެންނާތީ، އެކަން ބައްލަވައިދިނުމަށް އެދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހެޅުއްވުމާގުޅިގެންނެވެ.
މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވާލި 3000 ގޯތި ހިލޭ ދިނުމަކީ ދައުލަތަށް އެންމެ އިންސާފުވެރި އަދި ފައިދާ ހުރި ގޮތްތޯ ބަލަން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން "އެޗް8″ ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި "އެޗް9″ ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.
މި ފަހުން މާލެ މީހުންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 60 ބިމެއް ވިއްކަން ހުޅުވާލި އިރު އަކަފޫޓެއް ހުރީ 7000ރ. އިން މަތީގައި ކަމަށާއި ނަމަވެސް އެ ގޯތިތަކަށް ވެސް މާލެ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތް ކަމަށް އެ ސިޓިގައި ބުނެފައި ވެއެވެ.
މިކަމާގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ވެށިފަހި މާލޭ މަޝްރޫޢުގެ ދަށުން ދޫކުރެވުނު 250 އެއްހާ ގޯތި ފިޔަވާ ފާއިތުވި 40 އަހަރުވެސް މާލޭ އާދައިގެ ރައްޔިތަކަށް މިސަރަހައްދުން ގޯއްޗެއް ލިބިފައިނުވާކަމަށެވެ. އަދި މާލޭގެ ޖާގަތަނަވަސް އުސް އިމާރާތްތައް ނިސްބަތްވަނީ މާލޭގެ މަދު މުއްސަނދި އާއިލާތަކަށްކަމަށާއި، އެއީ މާލޭގެ އަޤުލަބިއްޔަތުގެ ޙާލަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މުނިމާމަ، ކާފަގެ ގޯތި ފޮތިފޮތި ކުރަމުންގޮސް، 8 ފޫޓު 10 ފޫޓު ކޮޓަރީގައި، ކުރުއަތްމައްޗަށް ބޯލައިގެން 3،4 މީހުންނާއިއެކު ނިދާ މާލޭ މީހުން މަދެއް ނޫން. އުސް އިމާރާތްތައް ނިސްބަތްވަނީ މާލޭގެ މަދު، މުއްސަނދި އާއިލާތަކަށް. އެއީ މާލޭގެ އަޤުލަބިއްޔަތުގެ ޙާލަތެއް ނޫން.
– މެންބަރު މީކާއީލު ވިދާޅުވިއެވެ.
މުނިމާމަ ކާފަގެ ގޯތި ފޮތިފޮތި ކުރަމުންގޮސް، 8 ފޫޓު 10 ފޫޓު ކޮޓަރީގާ ކުރުއަތްމައްޗަށް ބޯލައިގެން3،4 މީހުންނާއިއެކު ނިދާ މާލޭ މީހުން މަދެއް ނޫން. އުސް އިމާރާތްތައް ނިސްބަތްވަނީ މާލޭގެ މަދު، މުއްސަނދި އާއިލާތަކަށް؛ އެއީ މާލޭގެ އަގުލަބިއްޔަތުގެ ހާލަތެއް ނޫން. 2/3
— Meekail Naseem 🎈 (@MickailNaseem) July 5, 2022
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިލޭ ގޯތިދޫކުރުމަކީ މާލޭގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ އިންތިޒާރެއްކަން ފާހަގަކުރައްވާ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނެ އެއްވެސްކަމެއް ނުކުރުމަށް މެންބަރު މީކާއީލު ވަނީ ގޮވާލައްވާފައެވެ.
މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ވަޢުދުފުޅެކެވެ. މިކަމުގައި ހަޤީޤީ ކުލަ ޖެހި، ސަރުކާރުން މާލޭ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ގޯތިތައް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.
މާލޭ ސަރަޙައްދުން ގޯތިދޫކުރަމަށްޓަކާ ކަނޑައަޅާފައިވާ އުޞޫލުގައިވާގޮތުން މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ ފަރާތްތަކެވެ. މި ސްކީމުން ގޯތި ހޯދުމަށް އެދި ވަކި ފަރުދަކަށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ. އަދި އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއްވެސް ހުށަހެޅިދާނެއެވެ.
ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރާ 3000 ގޯތީގެ ތެރެއިން 1000 ގޯތި ދޫކުރާނީ ހުޅުމާލެއިންނެވެ. ހުޅުމާލެއިން ގޯތިދޫކުރާނެ ސަރަޙައްދުތައް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ބާކީ 2000 ގޯތި ގުޅީފަޅުން ދޫކުރާއިރު، އެކަމަށްޓަކާ ގުޅީފަޅުން ޖުމްލަ 149 ހެކްޓަރުގެ ބިން ޚާއްސަކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެއެވެ. އަދި 7 މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، 4000 އަކަފޫޓުގެ ގޯއްޗެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ