މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުން އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއެކު މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުން އާންމު ކުރައްވާފައެވެ. މީކާއިލް ވިދާޅުވީ މި މައްސަލަ މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅުއްވާފައި ވާކަމަށެވެ.
މީކާއިލް އާންމުކުރި މި ލިއުމުގައި ވާގޮތުން މިނިސްޓަރ މަލީހުގެ އިތުބާރު ގެއްލިފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (43/2015) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން އެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީޙް ހައްދަވާފައި ނުވުމާއި، އެ ކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީއެވެ. މީގެ އިތުރުން އެ ޤަވާއިދުތަކަކީ، ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްކަމަށާއި، އެކަން ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރު ވާކަމަށްވެސް މި ލިއުމުގައި ބުނެފައިވެއެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގާ ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފިން. pic.twitter.com/AP4csT1aRC
— Mickail Naseem ? (@MickailNaseem) November 15, 2020
އަދި އެ ޤަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވުމުގެ އިތުރުން، އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާކަމަށް މި ލިއުމުގައި ވެއެވެ. އެހެންކަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި މުޙައްމަދު މަލީހް ޖަމާލް އިތުރަށް ބެހެއްޓުމަކީ އެމްޑީޕީގެ އިތުބާރު އޮތް ކަމެއް ނޫންކަމަށްވެސް ބުނެފައި ވެއެވެ.
"ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދެމުންދާތީ މިނިސްޓަރި އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހެޅީމެވެ"
– މައްސަލައިގެ ލިއުމުގައި ބުނެފައިވެއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅާފައި މިވަނީ، ދާދި ފަހުން ވީޓީވީގެ ޕްރޮގްރާމެއްގައި ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ މަލީޙް ފާޑުވިދާޅުވެފައި ވަތީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައިވާ ވަގުތެއްގައެވެ.
އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބުނާގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ވެއްދޭނީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ