އެމެރިކާ ދަރިކޮޅުގެ ޕަލަސްތީން ރައްޔިތެއް ކަމުގައިވާ، އިޒްރާއިލް ސިފައިންގެ ހަމަލާއެއްގައި މަރުވެފައިވާ އަލްޖަޒީރާގެ މަޝްހޫރު ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭހުގެ ބޮލަށް އެރިވަޒަން، ފޮރެންސިކް ތަހުލީލުތައް ހެދުމަށްޓަކާ އެމެރިކާއާއި ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމުގައި ފަލަސްތީން އޮތޯރިޓީން ހާމަ ކޮށްފިއެވެ.
އަލްޖަޒީރާގެ މަޝްހޫރު ޖާނަލިސްޓް، އަދި އެމެރިކާ ދަރިކޮޅުގެ ފަލަސްތީނު ރައްޔިތެއް ކަމުގައިވާ ޝީރީން އަބޫ އަކްލޭހު އިޒްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި މަރުވެފައިވަނީ ފާއިތުވެދިޔަ މޭމަހުގެ 11 ވނަ ދުވަހުއެވެ.
އިޒްރާއީލު ސިފައިން އޭނާ މަރާލާފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕުގައި އިޒްރާއީލު ސިފައިން ކުރިޔަށް ގެންދިޔަ އަޕަރޭޝަނެއް އޭނާ ކަވަރު ކުރަމުން ދަނިކޮށެވެ.
އަބޫ އަކްލޭހުގެ މަރުގެ ހާދިސާ ތަހުގީގު ކުރުމަށްފަހު ފަލަސްތީނުން ބުނެފައިވަނީ އިސްރާއީލު ސިފައިން އޭނާ މަރާލާފައިވަނީ ގަސްތުގައި ކަމުގައެވެ.
އެހެންނަމަވެސް މި ތުހުމަތުތަކަށް ދެކޮޅު ހަދަމުން އިސްރާއީލުން ބުނެފައިވަނީ އެގައުމުން މިހާދިސާގެ އަމިއްލަ ތަހުގީގެއް ކުރިޔަށް ގެންދަމުން ދާކަމުގައެވެ. އަދި ބުނެފައިވަނީ، އަބޫ އަކްލޭހުގެ ބޮލަަށް އަރާފައިވާ ވަޒަނަކީ އިސްރާއިލު ސިފައިން ގެންގުޅޭ ބަޑީގެ ވަޒަނެއްކަން އަދި ނޫންކަންވެސް، މިވަޒަން ތަހުލީ ނުކޮށް އެގައުމަށް ބުނަން ނޭގޭނެ ކަމުގައެވެ.
"މި ވަޒަނުގެ ތަހުލީލު އެމެރިކާގައި ކުރިޔަށް ގެންދަން އަހަރެމެން އެއްބަސް ވަން،" ފަލަސްތީން އޮތޯރިޓީގެ ޖެނެރަލް ޕްރޮސެކިއުޓަރ އަކުރަމް އަލް ޚަތީބު، އިތުރު ތަފްސީލް ހާމަ ނުކޮށް، ރޮއިޓާރސްއަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
މިހާދިސާ ލޮލުން ދެކުނު ފަރާތްތަކާއި، މީީޑިއާތަކުން އޭގެ ފަހުން ކޮށްފައިވާ ތަހުގީގުތަކުންނާއި، އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެތަކެއް ޖަމިއްޔާތަކުންވެސް ވަނީ އަބޫ އަކްލޭހު މަރުވެފައިވަނީ އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކުގައި ކަމުގައި ބުނެފައެވެ. އަދި އަލްޖަޒީރާއިން ބުނެފައިވަނީ އިސްރާއިލް ސިފައިން އެ ނެޓްވާކުގެ ނޫސްވެރިޔާ މަރާލާފައިވަނީ ގަސްތުގައި ކަމުގައެވެ.
އަބޫ އަޤްލީހުއަކީ، އަލް ޖަޒީރާގެ އަރަބި ނިއުސް ސާވިސްގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. އަދި އޭނާ ވަނީ އިސްރާއިލް ފަލަސްތީނު މައްސަލައިގެ ޚަބަރުތައް ފާއިތުވި 15 އަހަރު ކަވަރު ކޮށްފައެވެ.