ފަހުގެ ތާރީހުގައި މުޅި ދުނިޔޭގައިވެސް އެންމެ ރަނގަޅަށް ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ އެންމެ ބޮޑަށް ފެންނަނީ މިސަރުކާރުން ކަމުގައި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕޮރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާއި، ދައުލަތުގެ ކަންކަން ހުރި ހިސާބަށް އަލި އަޅުވާލައި އަމީން ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރު ތަކަށްބަލާއިރު، ފެއިލްވެފައިވާ ދައުލަތެއްގެ އެންމެ ރީތި މިސާލު ފެނިގެންދަނީ މިސަރުކާރުން ކަމަށެވެ. އަދި މިއީ މިނިވަންކަމާއި، އަމިއްލަ ބާރާއި އިޚްތިޔާރު ގެއްލުވާލުމުގައި ލާމަސީލު މިސާލު ދައްކުވާފައިވާ ދައުލަތެއްކަމަށް އަމީން ވިދާޅުވިއެވެ.
ފަހުގެ ތާރީހެއްގައި، ހުރިހާ ގޮތަކުން ފެއިލްޑް ސްޓޭޓްއެއްގެ ފިލާވަޅު މުޅި ދުނިޔެއިން އެންމެ ރަނގަޅަށް ދައްކުވައިދޭ މިސާލަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު! އިސްލާމީ މިނިވަން އަމިއްލަ ދައުލަތެއްގެ ވެރިކަން ކުރުމުގެ ބާރާއި އިޚްތިޔާރު ގެއްލުވާލި ލާމަސީލު ނަމޫނާއެއް.
– އަމީން ވިދާޅުވިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މުހައްމަދު އަމީން އެމަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އަލުން އެ ފެންވަރުގެ ވަޒީފާއެއް ނުވަތަ އެ ވަޒީފާ އިއާދަކޮށްދޭން ސިވިލް ކޯޓުން ވަރަށް ފަހުން ވަނީ ހުކުމްކޮށްފައެވެ.
ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން 2019 ވަނަ އަހަރުގެ ޖޫން މަހު އަމީން ވަކިކޮށްފައިވާއިރު މޯލްޑިވިއަން އިން ކޯޓުގައި ބުނެފައިވަނީ އޭނާއަށް އެއަށްވުރެ ދަށް އެހެން މަގާމެއް ހަވާލުކުރާނެ ކަން އެންގިން ކަމުގައެވެ. އަދި ވަޒީފާއިން ވަކިކުރީ ހާޒިރުނުވާން ފެށުމުން ކަމުގައެވެ.
ނަމަވެސް ކޯޓުން ނިންމާފައިވަނީ އެހެން ޒިންމާއެއް އަމީނަށް ހަވާކުކުރިކަން އެނގެން ނެތް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަގުބޫލު ސަބަބެއް ނެތި ކަމަށެވެ.