ކާޑުގެ ޔަގީންކަން ތިންމަހަށް އެބައޮތް، ފައިސާ ޗާޕްކުރަން ޖެހިއްޖަނަމަ ފޫނުބެއްދޭ ގެއްލުމަކަށްވާނެ: އެމްއެމްއޭ

ކާޑުގެ ޔަގީންކަން ތިންމަހަށް އެބައޮތް، ފައިސާ ޗާޕްކުރަން ޖެހިއްޖަނަމަ ފޫނުބެއްދޭ ގެއްލުމަކަށްވާނެ: އެމްއެމްއޭ

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2020 07:46
0

ރާއްޖެއަށް ބޭނުންވާ ކާޑުގާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވާ ފައިސާ ދައުލަތުގައި އެބަހުރިކަމަށާއި، ނަމަވެސް ހާލަތު ގޯސްވެ އިތުރަށް ފައިސާ ޕާޗްކުރަން ޖެހިއްޖެނަމަ އެއީ ފޫނުބެއްދޭ ގެއްލުމަކަށް ވާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ބަޖެޓް ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ދައުލަތުގެ މާލިއްޔާގައި ކުރިއަށް އޮތް ތިންމަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެކަމުގެ ޔަގީންކަމާއި ގުޅޭގޮތުންނާއި، ފައިސާ އިތުރަށް ޗާޕު ކުރަން ޖެހިއްޖެނަމަ ފައިސާ ޕާޗްކުރުމާއިމެދު ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ ދެންނެވުމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ތިން މަހަށް ބޭނުންވާ ވަރަށް ކާޑުގެ ޔަގީންކަން އެބަތްކަމަށެވެ.

ނަމަވެސް ކޯވިޑް 19 ގެ ހާލަތު ދުނިޔޭގައި އިތުރަށް ގޯސްވެ މާލީ އިދާރާތަކަށް ގެއްލުންވެ ރާއްޖެއިން ފައިސާ އިތުރަށް ޖަހަން ޖެހިއްޖެނަމަ އެއީ ދައުލަތަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށްވާނެކަމަށެވެ. އުންމީދުކުރަނީ އެހާލަތު ބައްދަލުނުކޮށް މިހާރު އޮތް އިގުތިސާދީ އަދަވަޅުން އަރައިގަތުންކަމަށް އިމާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދަތިކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިކަމަކަށްވުމުން އެންމެ ބޮޑު އިސްކަމެއް ރާއްޖެފަދަ ވަސީލަތްމަދު ކުޑަ ޤައުމަކުން ދޭންވީ ވީހަވެސް ބޮޑަށް ޚަރަދު ކުޑަކޮށް، އަސާސީ ބޭނުންތަކާއި، މުވައްޒިފުންނަށް ދޭންޖެހޭ މުސާރައިގެ ޔަގީންކަން ކަށަވަރު ކުރުމަށް ކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމާއެކު، ދިވެހިރާއްޖޭގެ ބޭރުފައިސާ ބާޒާރަށްވެސް ވަރަށް ބޮޑެތި ނޭދެވޭ އަސަރެއްކޮށްފައިވާއިރު، ރާއްޖޭގެ ބާޒާރުގެ ކެޕިޓަލް މަޝްރޫޢޫތައް ޑޮލަރު ހޯދަން ޖެހިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ކުރާނެކަމަށްބެލެވޭކަމަށް އިމާދު ވިދާޅުވިއެވެ. އަދި މިހާރު އޮތް ދައްޗަކީވެސް އެއީކަމަށެވެ. އެހެންކަމުން މަޝްރޫޢުތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖު މާކެޓަށް ހީނަރުކަމެއް ނާންނާނެފަދަ ގޮތަކަށް މަޝްރޫޢުތައް ގެންދިއުން ލަފާއަރުވާކަމަށްވެސް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީއަކީ ދައުލަތުގެ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާފައިވާ ހާލަތަށް ބަލާ، އަންނަ އަހަރު މަޝްރޫޢުތައް ނުހިންގި ދައުލަތުގެ ދަރަނި ވަރަށްބޮޑަށް އިތުރުވެދާނެކަމަށް ލަފާކުރެވޭކަމަށްވެސް އިމާދުވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދީ މިހާލަތުން އަރައިގަތުމަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ބޮންޑާއި ސްކޫކް އަދި ލޯނުގެ ގޮތުގައި ދައުލަތުން ނަގާ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުފެއްދި ސަވަރިން ޑިވެލޮޕްމެންޓް ފަންޑް ހަރުދަނާކޮށް، ދަރަނި އަދާކުރަން ދައްކަން ޖެހޭ ފައިސާ އެ ފަންޑަށް ޖަމާވާނެ ޤާނޫނީ ބާރުވެރިކަމެއް ހޯދުންކަމަށް އެމްއެމްއޭގެ ޤަވަރުނަރުވެސް ވަނީ ވިދާޅުވެގައެވެ. މިއަދުގެ ބައްދަލުވުމުގައި އެމްއެމްއޭއިން ވަނީ ބަޖެޓުގައި ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަޖިލީހުން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި މިހާރު ބަޖެޓް އޮތްގޮތުން ގިނަ ލަފާތަކެއް ވަނީ ދެއްވައި، އެކަންކަން އިސްލާހު ކުރުމަަށްވެސް އެމްއެމްއޭ އިން ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.