ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް ދައުލަތާއެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި ފައިސާ ދިނުމަށް އެއްބަސްވުމެއް އެކުލަވާލާފައިނުވާނެކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.
ދައުލަތުން މިހެން ބުނެފައިވަނީ، އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއި، ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުގާއި ގުޅިގެން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދެފަރާތަށްވެސް ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ. އެގޮތުން 348.10 މިލިއަން ރުފިޔާގެ ބަދަލު 174 މިލިއަން ރުފިޔާއަށް ކުޑަކޮށް، އެއްބަސްވުމެއް އެކުލަވާލާފައިވާނެތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ވަނީ ސުވާލުކޮށްފައެވެ. އޭގެ ޖަވަބުގައި ދައުލަތުން ވަނީ އެފަދަ އެއްބަސްވުމެއް ހަދާފައިނުވާނެކަމަށް ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، ބަދަލުގެ މިންވަރު ކުޑަކޮށް ދީބާޖާއަށް ފައިސާ ދޭން އައު ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީގައި މަޝްވަރާކުރިނަމަވެސް އެކަމުގައި ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުކަމަށެވެ. އަދި ކޮމިޓީގައި މަޝްވަރާކުރިއަށް ގެންދިއުމަކީ ދައުލަތަށް އޮންނަ ހައްގެއް ގެއްލިގެން ދާންޖެހޭ ސަބަބެއް ނޫންކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
ދައުލަތުން ވަނީ މިއެއްބަސްވުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއިން 348.10 މިލިއަން ރުފިޔާގެ ބަދަލުގައި އޭގެ ދެބައިކުޅަ އެއްބައި ބޭނުންވާ ކަމަށްބުނެ ދައުލަތާ އެކު އެއްބަސްވުމެއް ހެދީ ކީއްވެގެންތޯ ދައުލަތުގެ ވަކީލު ސުވާލު ކުރެއްވިއެވެ. އޭގެ ޖަވާބުގައި ދީބާޖާގެ ވަކީލު ވިދާޅުވީ، އެޢަދަދަކީ ދިވެހި ދައުލަތާއި ޚާއްޞާކޮށް ދިވެހި ރައްޔިތުންނަށް ދިން ހަދިޔާއެއްކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލުގެ މިންވަރު ކުޑަކުރުމަށް އެއްބަސްވުމަކީ ބަދަލު ދޭންނުޖެހޭކަމަށް ބުނެވޭނެ ސަބަބެއްވެސް ނޫންކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުން މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހުރިހާ ކަމަކަށް ނުބަލާ ކަމަށްވާތީ އެހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި މައްސަލަ އަކީ އަލުން މުރާޖައާ ކުރަންޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުން ވަނީ އެދިވަޑައިގެންފައެވެ. އަދި ދީބާޖާއަށް 348.10 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރިއިރު އެ އަދަދަށް ވާސިލްވި ގޮތެއް ޙުކުމުން އެނގެން ނެތްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެންކަމުން މިމައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ބާޠިލްކޮށް ހައިކޯޓުގެ ނިންމުން ދަމަހައްޓަން ދައުލަތުން ވަނީ އެދިފައެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ދެފަރާތުން އިތުރުކަމެއް ފާހަގަކުރަން ބޭނުންނުވާނަމަ ދެން އޮންނަ އަޑުއެހުމެއްގައި ޙުކުމް އިއްވުން އޮންނާނެކަމަށް ވިދާޅުވެފައެވެ.
މި މައްސަލަ ބަައްލަވާ ފަނޑިޔާރުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މުހައްމަދު އިބްރާހިމްއެވެ. އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓިން ވަނީ ނިންމާފައެވެ. ދީބާޖާއަށް މިހާތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ ދީފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ