އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ބަހުސް މަރުހަލާ މަދަމާ ފެށުމަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޮތް ހަމައެކަނި މަސައްކަތްތަކީވެސް ބަޖެޓަށް ބަހުސް ކުރުމެވެ. ބަޖެޓްގެ ބަހުސްއަށް ޖުމުލަ 21 ގަޑިއިރު ކަނޑައެޅިފައިވާއިރު ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ ބަހުސްއަށް ޖުމުލަ 12 ގަޑިއިރު ކަނޑައެޅިފައިވެއެވެ. އެހެންކަމުން ބަޖެޓްގެ މުޅި ބަހުސް މަރުހަލާއަށް ގާތްގަނޑަކަށް 33 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވެއެވެ. ކޮންމެ މެމްބަރަކަށް ބަހުސް ކުރުމަށް ކަނޑައަޅާފައިވަނީ 15 މިނިޓްގެ ވަގުތެކެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ކޮމެޓީ މަރުހަލާގެ މަސައްކަތްތައް ނިންމައި މިހަތްފާގެ ބުރާސްފަތި ދުވަހު ތަޅުމަށް ހުށަހެޅުމަށް އަމާޒުވަނީ ހިފާފައެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މިމަހުގެ 26 ވަނަ ދުވަހު މަޖިލީހުން ބަޖެޓް ފާސްކުރުމަށް އަމާޒު ހިފާފައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފަިއވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ.
ބަޖެޓްގެ ބަހުސްގެ މަރުހަލާގައި މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި، ދާއިރާއަށް ކަނޑައަޅާގައިވާ ކަންކަމަށް ރިޢާޔަތް ކުރާނެއެވެ. އަދި ވަކިން ޚާއްސަކޮށް މިއަހަރު ކުރަން ކަނޑައަޅައި ކޯވިޑް19 އާއި ގުޅިގެން އެކި ދާއިރާތަކުގައި ނުކުރެވި ހުރި ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާނެކަމަށް ގިނަ މެމްބަރުން ދަނީ އުންމީދު ކުރަމުންނެވެ.
ނަމަވެސް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި ގަވަރުނަރު ވަނީ އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓުގައިވާ ޕީއެސްއައިޕީގެ މަސައްކަތް މަޑު ޖެއްސުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އަންނައަހަރު އަމާޒު ކަނޑައަޅަންވީ މުސާރައާއި، ކާބޯތަކެތީގެ ކަށަވަރުކަން ޔަގީން ކުރުމަށް ކަމުގައި ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ