ލީޑްސް ޔުނައިޓެޑް އަށް ކުޅެމުން އައި ހަލުވި ވިންގް، ރަފީނިއާ ހޯދަން އާސެނަލާއި ބާސެލޯނާ އިން މަޝްވަރާތަކެއް ކުރަމުން އަންނަނިކޮށް، ޗެލްސީ އިން އެ ޑީލް ތެރެއަށް ވަދެ ރަފީނިއާގެ ސޮއި ހޯދުމުގެ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން ރަފީނިއާ ހޯދުމުގެ ޑީލް ކާމިޔާބުކުރީ ސްޕެެއިންގެ ގަދަ އެއް ބާރު ބާސެލޯނާއާއި ޕްރިމިއަރ ލީގުގެ އާސެނަލުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައެވެ. ރަފީނިއާ ލީޑްސް އަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރަފީނިއާ ވަނީ ލީޑްސްއަށް ކުޅެދިން 65 މެޗުގައި 17 ލަނޑު ޖަހާފައެވެ.
ޗެލްސީ ކޮޅަށް މި ޑީލް ނިމުމުގެ އެންމެ ބޮޑު ސަބަބަކީ ރަފީނިއާގެ އޭޖެންޓްއެވެ. ރަފީނިއާގެ އޭޖެންޓް އަކީ ކުރިން ބާސެލޯނާ އާއި ޗެލްސީ އަށް ކުޅުނު ޑެކޯއެވެ. ޑެކޯ އެންމެ ފުރަތަމަ ބޭނުންވީ ބާސެލޯނާ އަށް ރަފީނިއާ ގެންދަން ނަމަވެސް އެ ކްލަބްގެ މާލީ ހާލަތުގެ ސަބަބުން ރަފީނިއާ އަށް ބަދަލުވެވޭގޮތްނުވީއެވެ.
މިދިޔަ ސީޒަނުގައި ލީޑްސް ޕްރިމިއާ ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމުގައި ވެސް ރަފީނިއާ އިސް ރޯލެއް އަދާކުރިއެވެ. ލީޑްސް ދޫކޮށް ރަފީނިއާ ބޮޑު ކްލަބަކަށް ދާން ބޭނުންވީ ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދަން ބޭނުންވާތީ އެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ ފަހަކަށް އައިސް ރަފީނިއާ އަށް ގައުމީ ޓީމުގެ މެޗުތަކުން އަންނަނީ ފުރުސަތު ދެމުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން ރަފީނިއާ އެ ކުލަބަށް ގެންދަން 60 މިލިއަން ޕައުންޑް ދައްކާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރަފީނިއާ ހޯދުމަށް ޗެލްސީން ރަސްމީކޮށް ބިޑު ކޮށްފައިވާއިރު، ލީޑްސް އިން މިހާރު ވަނީ ބޮޑު ބަލައިގަނެފައެވެ.