ކުލޮރިން ގޭސް ލީކުވެ ހިނގި ހާދިސާއާއި ގުޅިން ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި

ކުލޮރިން ގޭސް ލީކުވެ ހިނގި ހާދިސާއާއި ގުޅިން ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2022 12:09
0

ޢުރުދުންގެ އަޤަބާގެ ބަނދަރުގައި ކުލޮރިން ގޭސް ރައްކާކޮށްފައި ހުރި ތާނގީއެއް ވެއްޓި ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި 13 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ، އެ ޤައުމުން އެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައިވާ ޓޭންކެއް މުދާ އުފުލާ ބޯޓަކަށް ބަރުކުރަން އުޅުމުގެ ތެރޭގައި ތާނގީ ވެއްޓުމުގެ ސަބަބުންނެވެ. އެ ތާނގީގައި އެ ވަގުތު 25 ޓަނުގެ ކުލޮރިން ގޭސް ހުރި ކަމަށް ޢުރުދުންގެ އޮފިޝަލުން ބުނެއެވެ.

ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޢަޤަބާގެ ބަނދަރުގައި އޮތް ކާގޯ ބޯޓަކަށް އެރުވުމުގެ މަސައްކަތްކުރަނިކޮށް، ކްލޮރިން ގޭސް ޓޭންކެއް ވެއްޓި، އޭގައި ހުރި ވިހަ ގޭސްތައް އެސަރަހައްދަށް ލީކުވި ހާދިސާގައި 13 މީހަކު މަރުވެ، ސަތޭކައަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

މިނިސްޓަރ ޝާހިދު ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަށް ތައުޒިޔާ ވިދާޅުވެ، ފަރުވާ ދެމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާކަމަށް ވިދާޅުވެފައެވެ.

ކުލޮރިންއަކީ، "ޑިސްއިންފެކްޓް" ކުރުމާއި، ސާފު ކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް، ކުލޮރިން ގޭހުގެ އަސަރު ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލު ވުމަކީ، ވަރަށް ނުރައްކާތެރި ކަމެކެވެ. މި ގޭސް ހަށިގަނޑުގެ ތެރެއަށް ވާސިލުވެއްޖެ ނަމަ، ހައިޑްރޯކްލޮރިކް އެސިޑަށް ބަދަލުވެ، ފުއްޕާމޭގައި ފެން ހެދި، އެތެރެހައްޓަށް ގެއްލުން ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.