ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ފުލުހުންނަށް ނުބެލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހުށަހަޅައިފިއެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ކުރިޔަށް ގެންދިޔަ އެއްވުން ހޫނުވެ، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ދަނޑަށް ވަދެ ގެއްލުންދީ ބިރު ދެއްކި މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަށް ހުށަހެޅީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިއްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށާ، ނަމަވެސް މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އެ ހަރަކާތުގައި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުން ބައިވެރިވާ ކަން ފުލުހުންނަށް ނޭނގޭ ކަމަށް ބުނެފައިވާ އިރު އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ބްރީޗްވުމުން ކަމަށް އެ އިދާރާ އިން އެއްބަސްވެފައިވާ ކަމަށެވެ. އެވަރުގެ ހަރަކާތެއްގެ ސެކިއުރިޓީ ނުބެލެހެއްޓުމުގެ ސަބަބުން ރާއްޖޭގެ ސުލްހަމަސަލަސްކަމާއި ރައްކާތެރިކަމާ ބެހޭ ގޮތުން ބޭރު ދުނިޔެއިން ސުވާލު އުފައްދަމުންދާ ކަމަށާއި ސަލާމަތީ ހިދުމަތްތަކުގެ ގާބިލް ކަމާމެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް އެ މައްސަލާގައި ބުނެފައި ވެއެވެ.
ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސަމާލު ކަމަށް އައި އެ ހަމަނުޖެހުމާ ގުޅޭ ބޮޑު ތަހުގީގެއް ވެސް ފުލުހުން ވަނީ ފަށައިފައެވެ. އެ މައްސަލާގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އެގެ ތެރެއިން އެކަކު ވަނީ މިއަދު ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ