ރަސޫލާއަށް ފުރައްސާރަކުރި ޝައިހާން ފުރައިގެން ދިޔައީ މައުލޫމާތު އެއްކުރަމުން ދަނިކޮށް: ފުލުހުން

ރަސޫލާއަށް ފުރައްސާރަކުރި ޝައިހާން ފުރައިގެން ދިޔައީ މައުލޫމާތު އެއްކުރަމުން ދަނިކޮށް: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2022 03:08
0

ރަސޫލާއަށް ތައުހީނުކޮށް ކާޓޫނު އާންމުކޮށް، އިސްލާމްދީނަށް ތައުހީނުކޮށް، ކީރިތި ޤުރުއާނަށް ފާޑުކިޔައި ހެދި ޙުސައިން ޝައިހާން ފުރައިގެންދިޔައީ އޭނާގެ މައުލޫމާތު އެއްކުރަމުން ދަނިކޮށް ކަމުގައި އެސިސްޓެންޓު ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ ޝައިހާންގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް އޭނާ ފުރައިގެން ދިއުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަސް ޖަވާބު ދެމުންނެވެ. ރިޔާޒު ވިދާޅުވީ އެމައްސަލަ ފުލުހުންނަށް އެގުނީވެސް މީޑިއާއަކުން ސަމާލުކަމަށް ގެނައުމުންކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ މައުލޫމާތު އެއްކުރަމުން ދަނިކޮށް ފުރައިގެން ދިޔައީކަމަށް ރިޔާޒު ވިދާޅުވިއެވެ.

"ކުރެދިކުރި" ނަމުގައި ޓުވިޓާގައި އެކައުންޓެއް ހަދައިގެން އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ މާތް ނަބިއްޔާގެ ޝަޚުޞިއްޔަތަށް ކުޑައިމީސްކޮށް އިސްލާމްދީނުގެ ހުކުމްތަކަށް ހަޖާޖަހަމުން އަންނަނިކޮށް އެ އެކައުންޓުގެ ވެރި ފަރާތަކީ ޝައިހާނުކަން ހާމަކުރީ "އެމްވީނޫސް"ގެ ނަމުގައި މީސްމީޑިއާގައި ހިންގާ ހަރަކާތަކުން ހިންގި ތަހުގީގަކަށްފަހު އެ ނޫސް ހިންގާ ފަރާތްތަކުންނެވެ. އެ ފަރާތްތަކުންވަނީ އޮޕަން ސޯސް އިންޓެލިޖެންސް ސޮފްޓުވެއާތައް ބޭނުންކޮށްގެން "ކުރެދިކުރި" އެކައުންޓުގެ ހަގީގަތް ހޯދާފައެވެ.

އެގޮތުން އެ އެކައުންޓަކީ ޝައިހާނު ކުރިން އަމިއްލަ ނަމުގައި ބޭނުންކުރަމުން އައި އެކައުންޓެއް ކަމާއި، އެ އެކައުންޓުން ޝައިހާނުގެ ނަމުގައި ބީއެމްއެލް އަދި އޫރީދޫގެ ކަސްޓަމާ ސާވިސްއާ މުއާމަލާތްކުރިކަން އެ ހޯދުންތަކުން އެނގުނެވެ. އަދި "ކުރެދިކުރި"ގެ ނަމުގައި ކުރި ބައެއް ޓުވީޓުތަކުގައި ދައްކާފައިވާ ވާހަކަތަކުންވެސް އެއީ ޝައިހާނުކަން ޔަޤީންވާ މިންވަރަށް ހެކި ލިބިފައިވެއެވެ.

މި މަހުގެ 20 ވަނަ ދުވަހުގައި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް، އެ ނޫހުން ހޯދި ހުރިހާ ހޯދުންތަކެއް ފުލުހުންނާ ހިއްސާކޮށްފައިވެއެވެ. އެހެންނަމަވެސް ފުލުހުން ޝައިހާން ހައްޔަރުކޮށްފައިނުވެއެވެ. ޖެހިގެން އައި 21 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި ޝައިހާންވަނީ ރާއްޖެއިން ފުރައިގެން އަވައްޓެރި ސްރީލަންކާއަށް ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.