ޓުވިޓާގެ ފާޑުކިޔުންތަކަށް ކެތްނުކުރެވި، ނާޒިމް ޓުވިޓާއާއި ދުރަށް

ޓުވިޓާގެ ފާޑުކިޔުންތަކަށް ކެތްނުކުރެވި، ނާޒިމް ޓުވިޓާއާއި ދުރަށް

ގުޅުންހުރި

ރައްޔިތުންގެ މަޖިލީޙުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނާޒިމް ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރައްވައިފިއެވެ.

ނާޒިމް އަކީ ޓުވިޓާގައި، ނުފޫޒު ގަދަ ފާޑުކިޔުމާއި، ޚިޔާލުފާޅު ކުރުމުގައި ވަރަށް ވަރުގަދަ ބޭފުޅެކެވެ. ނަމަވެސް މިފަހުން ލީކުވި ވީޑިއޯއާއިއެކު ޓުވިޓާގައި ނާޒިމަށް އަމާޒުކޮށް ފުލުފުލުގައި ކިޔަމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން އެކަންކަމަށް ކެތްނުކުރެވި ނާޒިމްވަނީ ޓުވިޓާ ޑިއެކްޓިވޭޓް ކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ ނާޒިމް ކަން ޔަގީންވާ ކަމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ބުނަމުން ދިޔަ ނަމަވެސް އޭނާގެ ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރުމުގެ ކުރިން، ކުރެއްވި ޓްވީޓެއްގައި ނާޒިމް ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރައްވާފައެވެ.

ނާޒިމް ވަނީ އިއްޔެ ވީޑިއޯ އާންމުވުމާއިއެކުވެސް ޓުވިޓާގައި އެކި މީހުންނަށް ރައްދު ދެއްވާފައެވެ. ނަމަވެސް ރޭ ފުލުހަށް ހާޒިރު ކުރިފަހުން އޭނާގެ އެއްވެސް ހަބަރެއް ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތަކުން ނުވެއެވެ. ވީޑިއޯގެ މައްސަލައިގައި ނާޒިމް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓްވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

އެ މައްސަލައިގައި ފުލުހުން އިއްޔެ ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރާ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ބްލެކްމެއިލް މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް ބެލެވެނީ އެއީ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަން އުޅުނު މައްސަލަތަކެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ