ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ކުރަންޖެހޭ ބައެއްކަންކަން ކުރުމުގައި ކުރިމަތިވާ އެންމެބޮޑު ގޮންޖެހުމަކީ ރާއްޖެއަކީ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވާތީ ޚިދުމަތްތައް ގުޅާލުމުގައި ދިމާ ދަތިތަކެވެ.
އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމުގައި މާކަނޑު ހުރަސްކޮށް އެތައް ގަޑިއިރެއް ހޭދަކޮށް ކުރަމުންދިޔަ ދިގު ދަތުރަށް ނިމުން ގެނެސް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމް ކުރުމަކީ މިސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ. މިއަމާޒަށް ވާސިލް ވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ ބޮޑު އާރުކާޓީއަކީ "އެމްޓީސީސީ" އެވެ. އެކުންފުނިން ދަނީ މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށްޓަކައި، ހައިސްޕީޑު ފެރީގެ ނިޒާމެއްގެ ޤާއިމް ކުރުމުގެ މަސައްކަތް ފަށާފައެވެ.
މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރިން ފެށި މިމަސައްކަތަށް ކޯވިޑްގެ ބަނަވިލާގަނޑު ހުރަސްއެޅި ނަމަވެސް ގޮންޖެހުންތަކާއެކުވެސް މިއަދު ވަނީ އަމާޒަށް ވާސިލްވެފައެވެ. މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ޒޯން 1ގައި ހިމެނޭ 3 އަތޮޅުގެ ތެރެއިން ހދ.އަތޮޅުގެ ރަށްތަކަށެވެ. މިދަތުރުތައް މިހާރު ފަށައިގެން ކުރަމުންދާއިރު ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މިފެރީގައި ހިތް ފަސޭހަ ކަމާއިއެކު މީގެ ކުރިން ބޮޑު އަގުގައި އެތައް ވަގުތެއް ހޭދަކޮށްގެން ކުރަމުންދިޔަ ދަތުރުތައް ދަނީ ކުޑަ އަގުގައި، މަދު ވުގުތުކޮޅުތަކުގައި ކުރަމުންނެވެ.
މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތުގެ ދެވަނަ އަމާޒަކަށް އެމްޓީސީސީން ހަދާފައިވަނީ ހއ. އަތޮޅެވެ. އެއަތޮޅުގެ ފެރީގެ ޚިދުމަތް ދިނުމަށް މިހާރު ފެރީތަށް ވަނީ އެއަތޮޅަށް ބަނދަރުކޮށްފައެވެ. ހައިސްޕީޑުގެ ފެރީ ހއ.އަތޮޅުގައި އަންނަ މަހުގެ ފުރަތަމަ ދުވަހާއި ހަމަޔަށް ކުރާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހިލެއެވެ. އަގުނަގައިގެން ރަސްމީކޮށް ހއ.އަތޮޅުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރާ ފޭބުމުގައި ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ފެންވަރުގެ ފެރީތަކެއްވެސްމެއެވެ.
ގިނަ ރަށްތަކުގެ ބަނދަރުތަކަކީ އައްވާ ވާރެއިން ހިޔާވެކަންވެސް ވަދެލާނެ ތަނެއް ނެތް ބަނދަރުތަކެވެ. އަދި އިށީނދެލައިގެންވެސް ތިބޭނެ ގޮތެއް ނެތް ބަނދަތުތައްވެސް މަދެއް ނޫނެވެ. ފެރީ ނިޒާމާއެކު މިކަމަށް ޙައްލު ލިބޭނެއެވެ. ފެރީ ޓަރމިނަލްތަކާއި އަދި ސްޓޮޕްތައް ތައްޔާރުކޮށްފައިވަނީ އިށީނދެލައިގެން ތިބެވޭނެ އޭރިއާގެ އިތުރުން، ފާހަނަވެސް ހިމެނޭ ތަންތަނެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ އާއްމުކޮށް ގަންނަ ކާބޯތަކެތީގެ ބާވާތްތައް ގަނެވޭ ކުޑަ ފިހާރައެއްވެސް ހިންގޭގޮތަށެވެ.
މިމަސައްކަތުގެ ދަށުން މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި އެނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ބުރަބޮޑު ނުވާނެގޮތަކަށް ލިބޭނެ މަގުވަނީ ފަހިކޮށްދެއްވާފައެވެ. މި ޚިދުމަތާއިއެކު ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިޤްތިޞާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް އައުމަކީ ސަރުކާރުގެ އެންމެ ބޮޑު އުންމީދެވެ. ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ހުރިހާ ރަށަކަށް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމެވެ.
މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރައްވަނީ ލާމަރުކަޒީ ތަރައްޤީގެ މައި ބަދަ ކަމުގައެވެ. ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ މަރުކަޒީ ބާރުތައް ލާމަރުކަޒު ކުރުން ކަމަށްވާއިރު ފަސޭހަ އަދި އަތް ފޯރާ އަގެއްގައި ދަތުރުފަތުރު ކުރެވޭމެ މަގެއް ނެތި މިނިޒާމު ފައްކާ ކުރުމަކީ ވުމަށް ވުރެއް ނުވުން ގާތްކަމެއްކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. ދަތުރު ފަތުރުގެ މިނިޒާމާއިއެކު މުޅި ރާއްޖެއަށް އޭގެ ސަބަބުން ހިންގުމުގެ ބޮޑު ބަދަލެއް ނެނުވައި، އިޤްތިޞާދީ ބޮޑު މަންފާއެއް ލިބިގެންދާނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.