ފާއިތުވެދިޔަ މޭމަހުގެ 11 ވަނަ ދުވަހުވަހު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕުގައި އިޒްރާއީލު ސިފައިން ކުރިޔަށް ގެންދިޔަ އަޕަރޭޝަނެއް ކަވަރު ކުރަމުން ދަނިކޮށް ދިން ބަޑިގެ ހަމަލާތަކެއްގައި މަރުވެފައިވާ އަލްޖަޒިރާގެ ނޫސްވެރިޔާ، ޝީރީން އަބޫ އަކްލޭހުގެ މަރާއި ގުޅިގެން ލިބިފައިވާ މައުލޫމާތުތަކުން އިގޭގޮތުގައި އޭނާގެ ބޮލަށް އަރާފައިވާ ވަޒަނަކީ އިސްރާއީލުން ސިފައިން ފޮނުވާލި ވަޒަނެއް ކަމުގައި ޔުއެންއިން ބުނެފިއެވެ.
"ލިބިފައިވާ ހުރިހާ މައުލޫމާތުތަކަށް ބަލާއިރު، އަބޫ އަކްލޭހުގެ ބޮލަށް އެރި ވަޒަނާއި، އަދި އޭނާގެ އެކުވެރި ނޫސްވެރިޔާ އަލީ ސަމުދީ ޒަޚަމްވި ވަޒަނަކީ އިސްރާއީލު ސިފައިން ފޮނުވާލި ވަޒަނެއް ކަމާއި، އެއީ ފަލަސްތީނުގެ ހަގުރާމަވެރިންގެ ހަމަލާތަކުން އައިސްފައިވާ ވަޒަނެއް ނޫންކަން އެގެން އެބަހުރި،" ޔޫއެން ހިއުމަން ރައިޓްސް އޮފީސް (OHCHR)ގެ ތަރުޖަމާން ރަވީނާ ޝަމްދަސަނީ ޖެނީވާގައި ހުކުރުދުވަހު ރިޕޯޓަރުންނާއި ވާހަކަ ދައްވަމުން ވިދާޅުވެފައި ވެއެވެ.
ޝަމްދަސަނީ ވިދާޅުވި ގޮތުގައި ޔޫއެން ހިއުމަން ރައިޓްސް އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، "ނޫސްވެރިޔާ ހުރި ސަރަހައްދުގައި ފަލަސްތީނުގެ ހަނގުރާމަވެރިން އުޅުނުކަމުގެ އެއްވެސް ހެއްކެއް ލިބެން ނެތް" ކަމުގައެވެ.
އަލްޖަޒީރާގެ މަޝްހޫރު ޖާނަލިސްޓް، އަދި އެމެރިކާ ދަރިކޮޅުގެ ފަލަސްތީނު ރައްޔިތެއް ކަމުގައިވާ އަބޫ އަކްލޭހު އިޒްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި މަރުވެފައިވަނީ ފާއިތުވެދިޔަ މޭމަހުގެ 11 ވނަ ދުވަހުއެވެ.
އިޒްރާއީލު ސިފައިން އޭނާ މަރާލާފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕުގައި އިޒްރާއީލު ސިފައިން ކުރިޔަށް ގެންދިޔަ އަޕަރޭޝަނެއް އޭނާ ކަވަރު ކުރަމުން ދަނިކޮށެވެ.
ޝަމްދަސަނީ ވިދާޅުވި ގޮތުގައި ޔޫއެން ހިއުމަން ރައިޓްސް އޮފީހުން ކޮށްފައިވާ ތަހުގީގަށް އެގެން ހުރި ގޮތުގައި، އަބޫ އަކްލޭހުއާއި އަދި އޭނާއާއެކު މަސައްކަތް ކުރަމުންދިޔަ ނޫސްވެރިންވަނީ އެ މަގުގައި ހަރަކާތްތެރި ވަމުންދިޔަ އިސްރާއީލު ސިފައިންނަށް އެމީހުންނަކީ ނޫސްވެރިންކަން ދެއްކުމަށްވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
ޝަމްދަސަނީ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެދުވަހު، އަބޫ އަކްލޭހުއަށް އެހީތެރިވެދިނުމަށް ހަތިޔާރަކާ ނުލާ މަސައްކަތް ކުރަމުންދިޔަ މީހުންނަށާއި، ގަހުގެ ފަހަތުގައި ރައްކާވެ ތިބި އެހެން ނޫސްވެރިންނަށް އަމާޒުކޮށްވެސް އިސްރާއީލު ސިފައިންވަނީ ހަމަލާ ދީފައެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޔޫއެން ހިއުމަން ރައިޓްސް އޮފީސް (OHCHR)ގެ ވެރިޔާ މިޝެލް ބެޗެލެޓް ވަނީ، އަބޫ އަކްލޭހުގެ މަރުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އިސްރާއީލުގެ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
އަބޫ އަޤްލީހުއަކީ، އަލް ޖަޒީރާގެ އަރަބި ނިއުސް ސާވިސްގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. އަދި އޭނާ ވަނީ އިސްރާއިލް ފަލަސްތީނު މައްސަލައިގެ ޚަބަރުތައް ފާއިތުވި 15 އަހަރު ކަވަރު ކޮށްފައެވެ.