އާރް.ޓީ.އެލްގެ ޚިދުމަތް އާދީއްތަ ދުވަހު ހއ.އަތޮޅުގައި ފަށަނީ

އާރް.ޓީ.އެލްގެ ޚިދުމަތް އާދީއްތަ ދުވަހު ހއ.އަތޮޅުގައި ފަށަނީ

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2022 02:04
0

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ހއ. އަތޮޅުގައި ފެށުމުގެ ގޮތުން ލޯންޗު ފެރީތައް އެ އަތޮޅަށް ފުރައިފިއެވެ.

ސަރުކާރާއި ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން އާރް.ޓީ.އެލްގެ ޚިދުމަތް ހއ.އަތޮޅުގައި ފެށުމުގެ ގޮތުން ތައްޔާރުކޮށްފައިވާ 5 ލޯންޗް ފެރީއެއް ވަނީ ފުރާފައެވެ. މި ލޯންޗްތައް ތަފާތު ރޫޓްތަކުން ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ އާރް.ޓީ.އެލް ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. އަތޮޅުގައެވެ.

ޤައުމީ ފެރީ ނިޒާމްގެ ދަށުން ރަށްރަށުގައި އަންނަނީ ފެރީ ސްޓޮޕްތައް ވެސް ޤާއިމްކުރަމުންނެވެ. މިފެރީ ސްޓޮޕްތަކަކީ ފެރީގެ ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުން މަޑުކުރުމަށް ހަދާފައި ހުންނަ ހިތްފަސޭހަ ސްޓޮޕްތަކެކެވެ. ހަޓްތަކެއްގެ ގޮތަށް ފަރުމާ ކޮށްފައިވާ މި ސްޓޮޕްތައް ޤާއިމްކޮށްފައިވަނީ ތަފާތު ޚިދުމަތްތައް ލިބޭނެ ފެންވަރުގައެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރާ ފޭބުމުގައި ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ފެންވަރުގެ ފެރީތަކެއްވެސްމެއެވެ.

މިމަސައްކަތުގެ ދަށުން މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި އެނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ބުރަބޮޑު ނުވާނެގޮތަކަށް ލިބޭނެ މަގުވަނީ ފަހިކޮށްދެއްވާފައެވެ. މި ޚިދުމަތާއިއެކު ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިޤްތިޞާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް އައުމަކީ ސަރުކާރުގެ އެންމެ ބޮޑު އުންމީދެވެ. ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ހުރިހާ ރަށަކަށް ފެރީ ނިޒާމުގެ ޚިދުމަތް ފެށުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.