2021ގައި ޕީއެސްއައިޕީ މަޝްރޫޢުތައް ނުހިންގުމަށް ގަވަރުނަރު ލަފާދެއްވައިފި

2021ގައި ޕީއެސްއައިޕީ މަޝްރޫޢުތައް ނުހިންގުމަށް ގަވަރުނަރު ލަފާދެއްވައިފި

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2020 11:45
0

އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ، އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ ކެޕިޓަލް ޚަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް މައިގަނޑުގޮތެއްގައި ރޭވިފައިވަނީ ލޯނާ ދައުލަތުގެ އާންމު ބަޖެޓުންކަމަށެވެ. ނަމަވެސް ދައުލަތަށް ލިބޭ ހިލޭއެހީއާއި އާމްދަނީން ރިކަރަންޓް ޚަރަދު ފޫބެއްދުމަށް އަންދާޒާ ކުރެވިފައިވާއިރު، ކެޕިޓަލް ޚަރަދު ހިންގޭނީ އެކަމަށްބޭނުންވާ ފައިނޭންސިންވެސް ކަށަވަރުކުރެވިގެންކަމަށްވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި ޕީއެސްއައިޕީ ފަދަ ކެޕިޓަލް ޚަރަދުތައް ހިންގުމަށް ދައުލަތުގެ އާންމު ބަޖެޓުގައި ހިމެނިފައިވާ މިންވަރުގެ ފައިނޭންސިން ހޯދުމަކީ ދަތިވާނެކަމެއްކަމަށް ލަފާކުރެވޭކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. ސަބަބަކީ ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އަދި ރާއްޖޭގެ ބޭރު ފައިސާގެ ސަޕްލައިވެސް ވަރަށް ބޮޑަށް ދަށްވެފައިވާތީކަމަށްވެސް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ.

އެހެންކަމުން ކެޕިޓަލް ޚަރަދުތައް ހިންގުމަށް ބޭނުންވާ ޑޮލަރު އެތެރޭގެ މާރކެޓުން ނުލިބި މިފަދަ މަޝްރޫޢުތައް ނުހިނގާނެކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫޢުތައް ފެށުމުގެ ކުރިން ދައުލަތުންވެސް ސަރުކާރުން ޖެހޭ އެއަށްބޭނުންވާ ބޭރުފައިސާ ޔަޤީންކޮށްފަ ޕްރޮޖެކްޓްތައް ފެށުން. އިތުރަށް މިއަންނަ ޕްރޮޖެކްޓްތަކުގެ ތެރޭގަ މިހާރު ކޮންމެ ޕްރޮޖެކްޓެއްވެސް ހިންގާއިރު އޭގެ ބޭރުފައިސާގެ ކޮމްޕޯނެންޓް ވަރަށް ބޮޑުކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ގާތްގަނޑަކަށް %40 އެ ބަރޯސާވަނީ ބޭރުފައިސާއަށް. އެހެންވީމަ ޕްރޮޖެކްޓެއް އަޅުގަނޑުމެންގެ ރެވެނިއު އެހާވަރަށް ނުގެންދެވުނުކަމަށް ވިއްޔާ ޖެހޭނެ އެޕްރޮޖެކްޓްތައް ހިންގާ މިންވަރުން ބޭރުފައިސާ ޔަޤީންކޮށްފަ ޕްރޮޖެކްޓްތައް ހިންގުމަށް މަޖިލީހުން ބާރުއަޅަން. އަޅުގަނޑުމެން އެދެންއެގޮތަށް ބާރުއަޅަން.

-އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް

ގަވަރުނަރު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމާއެކު، ދިވެހިރާއްޖޭގެ ބޭރުފައިސާ ބާޒާރަށްވެސް ވަރަށް ބޮޑެތި ނޭދެވޭ އަސަރެއްކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ ބާޒާރުގެ ކެޕިޓަލް މަޝްރޫޢޫތައް ޑޮލަރު ހޯދަން ޖެހިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ކުރާނެކަމަށްބެލެވޭކަމަށާއި، އެހެންކަމުން މަޝްރޫޢުތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖު މާކެޓަށް ހީނަރުކަމެއް ނާންނާނެފަދަ ގޮތަކަށް މަޝްރޫޢުތައް ގެންދިއުން ލަފާއަރުވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

މީގެ އިތުރުން 2021 ވަނައަހަރު ގިނަ ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަކީ ދިގުރާސްތާގެ އިޤްތިޞާދާއި އަދި އިޖްތިމާޢީ ކުރިއެރުމަށާއި، ތިމާވެށިގެ ރައްކާތެރިކަމަށް މަގުފަހިވާ މަޝރޫޢުތަކެއްކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ޢަލީ ޙާޝިމް ވިދާޅުވިއެވެ. އަންނަ އަހަރުވެސް ކޯވިޑްގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ، މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށާއި. އަންނަ އަހަރުވެސް ދައުލަތުގެ ބަޖެޓްގައި ހިމެނިފައިވަނީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި މިފަދަ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ނުވަތަ ފައިނޭންސްިން ހޯދުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ ދަރަނި ނަގައިގެންކަމަށްވުމާއެކީ ކޮންސެޝަނަލް ފައިނޭންސްއަށް އިސްކަންދިނުމަށް ގަވަރުނަރު ވަނީ ލަފާދެއްވާފައެވެ.

ޚާއްޞަގޮތެއްގައި އިޖްތިމާޢީ އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ކޮންސެޝަނަލް ފައިނޭންސް ހޯދުމަށް ލަފާއަރުވަން. މީގަ ބޮޑަށް އަޅުގަނޑުމެން ވިސްނަނީ އެފަދަ ހުރިހާ އެންވަޔަރަމަންޓަލް އިމްޕެކްޓް ހުންނަ ޕްރޮޖެކްޓްތައް ކޮންސެޝަނަލް ފައިނޭންސްއާއި ދިމާލަށް ދިއުން .އޭގަ މިހާރު އައިއެމްއެފް، ވޯލްޑް ބޭންކު އެންމެ ފަހު މީޓިންގަ ވިދާޅުވި ގްރީން ނުވަތަ ބްލޫ ފައިނޭންސްއަށް ދިނުން. އެއަށް ޓެޕް ކުރެވިއްޖާ ކޮންސެޝަންލް ފައިސާ ލިބޭނެ. ބޮންޑު ނުވަތަ ސުކޫކަށް ބަރޯސާވެއްޖާ ލިބޭ ފައިޭންސްގެ އިންޓްރެސްޓިން ރޭޓް ބޮޑުވާނެކަމަށް އަޅުގަނޑުމެންނަސް ފެނޭ.

-އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް

ގަވަރުނަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީއަކީ ދައުލަތުގެ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައިކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އަޑިއަރާފައިވާ ގޮތަށް ބަލާ، އަންނަ އަހަރު މަޝްރޫޢުތައް ނުހިންގި ދައުލަތުގެ ދަރަނި ވަރަށްބޮޑަށް އިތުރުވެދާނެކަމަށް ލަފާކުރެވޭކަމަށްވެސް އެމްއެމްއޭގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.