މަހުލޫފަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް

މަހުލޫފަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2022 11:00
0

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ޔޫތު މިނިސްޓްރީއާއި، އިންޑިއާ ހައިކޮމިޝަނާއި، ގުޅިގެން ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ދަނީ ޚާއްސަ ތަހުގީގެއް ހިންގަމުންނެވެ. މިތަހުގީގާއި ގުޅިގެން ބައެއް މީހުން ދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.

މިމައްސަލައަގަިއ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް މީހަކު ވަނީ މަރުގެ އިންޒާރުދީ މެސެޖްކޮށްފައެވެ. މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް މިހާރު ވަނީ ގެނެސްފައެވެ. އިންޒާރު ދިން މީހާ ބުނެފައިވަނީ އޭނާގެ އަޚަކަށް އެއްވެސް ފިޔަވަޅެއް އަޅައިފިކަމުގައިވާނަމަ މުޅި އާއިލާގެ ޒަމާންވެސް ދުއްވާލާނެކަމަށެވެ. އަދި ޔޯގާ ހަރަކާތަކީ ބާތިލް ފިކުރެއް ކަމަށާއި، މިކަމުގައި އަމަލު ކުރާ ގޮތް ކައިރިން ބަލަން ތިބިކަމަށް އޭނާގެ އިންޒާރުގައިވަނީ ބުނެފައެވެ.

އިންޒާރުތަކާއި ގުޅިގެން މަހުލޫފް ވިދާޅުވީ "ތިޔަކަހަލަ ކޮހެއްގެ" އަތުން މަރުވެއްޖެ ނަމަ ވާނީ ޝަހީދަކަށް ކަމަށެވެ. މިނިސްޓަރު ކަމަކީ މާ ގަދަ ކަމެއްކަމަށް މެސެޖުކުރި މީހާއަށް ގަބޫލު ކުރެވުނަސް، އޭނާއަށް މަގާމަކީ އެއްވެސް މުހިންމު ކަމެއް ނޫންކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. އަދި ބިރުދައްކައިގެން ކަންކަން ހާސިލް ނުކުރެވޭނެކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ ޔޯގާ ހަރަކާތަށް ހުރަސް އެޅި މައްސަލާގައި މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 6 މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައެވެ. އަދި ރޭގައި ފުލުހުންގެ ހިންގި އޮޕަރޭޝަންތަކުގައި 6 މީހަކު ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެވެއެވެ. މީގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި، ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝައިކޫ ފަޒުލޫނާއި، ޝައިޚު އާދަމް ނިޝާންވެސް ހިމެނެއެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ހަރަކާތްތެރިވިގޮތުގެ އިންޓާނަލް ރިވިއުއެއް ހެދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވި ގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި އެ މައްސަލަ ޚާއްޞަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނުގެ ދަރި ލަތީފް
ޓީޝާތް ގަ ޖަހާފަ މި އިންނަ ނިޝާނަކީވެސް އެމީހުންގެ ބަގުވާނު ސިވާ ސިފަވާގޮތަށް ޖަހާފަ އިން އެއްޗެއް. ބުރާންތި ކަމުން މަހޭއަށް އެވަރުވެސް ނޭނގުނީބާ ނޫނީ ހަމަ ގަސްދުގަ އިންޑިއާ ވީމަ ސަޕޯރޓްކުރަަން ކުރި ކަމަކީބާ. ޢެހެންނާފަހެ މަހޭއަކީ ލައްކައިން ޚަރަދު ކޮށްފަ އެމީހުންްގެ އެވޯޑް ފެސްޓިވަލް ތައް ބަލަންވެސް ދާމީހެއް ވިއްޔަ.