އަފްއާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 920 މީހުން މަރުވެއްޖެ

އަފްއާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 920 މީހުން މަރުވެއްޖެ

Author
ހުސެއިން
22 ޖޫން 2022 04:22
0

އަފްއާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 920 މީހުން މަރުވެ އިތުރު އެތައް ސަތޭކަ ބަޔަލު ޒަޚަމް ވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

ބިންހެލުމަށްފަހު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިންގަޑު ކަނޑައިގެން ދިއުމުންނާއި އަދި މަޑުން ހަދާފައިވާ ގެތަކުގެ ދަށުވެފައިވާ މީހުންނަށް މީހުން ސަލާމަތްކުރާ މީހުން ފަރުވާ ދެމުންދާ މަންޒަރުތައް ވަނީ ފެނިފައެވެ.

އަދި ވަކިން އޮންނަ ރަށްފުށު ސަރަހައްދުތަކުން ހެލިކޮޕްޓަރުތަކުގައި މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތްކަތްވަނީ ކުރިޔަށް ގެންގޮސްފައެވެ.

ތާލިބާންގެ ލީޑަރު އަޚުންޒާދާ ވިދާޅުވެފައިވަނީ، މި ބިންހެލުމުގައި އެތައް ސަތޭކަ ގެތަކެއް ހަލާކުވެފައިވާ ކަމަށާއި، މަރުވި މީހުންގެ އަދަދު މައްޗަށް ދިއުމަކީ އެކަށިގެންވާ ކަމެއް ކަމުގައެވެ.

ތާލިބާން ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ ފޮރ ޑިސާސްޓަރ މެނޭޖްމަންޓް ޝަރަފުއްދީން މުސްލިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ މި ބިންހެލުމުގައި މިހާތަނަށް 920 މީހަކު މަރުވެ 600 މީހަކަށް އަނިޔާވެފައި ވާކަމުގައެވެ.

ބިންހެލުން އައިސްފައިވަނީ، އަފްއަނިސްތާނުގެ އިރު ދެކުނުގައި އޮންނަ ސިޓީއެއް ކަމުގައިވާ ޚޯސްޓު ސިޓީގެ 44 ކިލޯމީޓަރު ދުރުން، ދަންވަރު އަފްއާނިސްތާން ގަޑިން 1:30 ހާއިރު، ގިނަ މީހުން ނިދާފައި ތިއްބައެވެ. ސެއިސްމޮލޮޖިސްޓުން ހާމަކޮށްފައި ވާގޮތުގައި ބިންހެލުން އައިސްފައިވަނީ ބިމުގެ 51 ކިލޯމީޓަރު އަޑިން، މިންގަޑުން 6.1ގެ ބާރު މިނުގައެވެ.

އަފްއާނިސްތާނަށް އަންނަ ބިންހެލުންތަކުގައި ބޮޑަށް ގެއްލުން ލިބެނީ، ރަށްފުށު އަވަށްތަކުގައި ގެތައް ހަދާފައި ހުންނަ ފެންވަރު ދަށްވުމުގެ ސަބަބުންނެވެ.

ޔޫއެން އޮފީސް ފޯރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާރޒް އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 10 ވަރަކަށް އަަހަރު ތެރޭ އަފްއާނިސްތާނަށް އައިސްފައިވާ ބިންހެލުންތަކުގައި 7،000 މީހުން މަރުވެފައި ވެއެވެ. އަދި އަފްއާނިސްތާނުގައި އަހަރަކު 560 މީހުން ވަނީ ބިންހެލުންތަކުގައި މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.