އިއްޔެއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ޔޯގާ ދުވަސް ކަމަށްވުމާއެކު، އަދި މި ދުވަހަކީ ފާއިތުވެދިޔަ ސަރުކާރުތަކުންވެސް ރާއްޖޭގައި ފާހަގަ ކޮށްފައިވާ ދުވަހަކަށްވެފައި، މިސަރުކާރުންވެސް މިދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް މިއަހަރުވެސް ތައްޔާރީތައް ވަމުން އައިސްފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން އާންމު އިވެންޓެއްގެ ގޮތުގައެވެ.
އަދި މިއީ ރައީސް ޔާމިންގެ ސަރުކާރުގައިވެސް ވަޒީރުން ހާޒިރުވެގެން، އިންޑިއާ އެމްބަސީގެ އެހީތެރިކަމާއިއެކު، ރާއްޖޭގައި ތިބޭ މަތީ ފަންތީގެ ބޭރުގެ ޑިޕްލޮމޭޓުންވެސް ހާޒިރުވެގެން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
އެހެންނަމަވެސް މިއަހަރު މި އިވެންޓް ބޭއްވުމުގެ އިންތިޒާމްތައް ސަރުކާރުން އިއުލާން ކުރުމާއެކު މި އިވެންޓް ނުބޭއްވުމަށް ސޯޝަލް މީޑިއާގައި ބައެއް ދީނީ އިލްމުވެރިންނާއި އަދި ސިޔާސީ ގޮތުން މި ސަރުކާރާ ޚިޔާލުތަފާތު ގިނަ ބަޔަކު ދިޔައީ ސަރުކާރަށް އިންޒާރު ދެމުންނެވެ. އަދި އޭގެ އިތުރުން، އިވެންޓް އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިގެންދިޔަ ސަރަހައްދު ކަމުގައިވާ އާރޓިފިޝަލް ބީޗް ސަރަހައްދު ޔޫތު މިނިސްޓްރީއަށް ދޫ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމުމާއެކު، ޔޫތު މިނިސްޓްރީން ނިންމީ މި އިވެންޓް ގަލޮޅު ދަނޑުގައި ބޭއްވުމަށެވެ.
ހަމަ އެއާއެކު ސަރުކާރުގެ މި ނިންމުމާއި ގުޅިގެންވެސް ހިންހަމަ ނުޖެހުން ފާޅުކޮށް، އިލްމުވެރިންގެ ޖަމިއްޔާއިން މިހަފްތާގެ އާދީއްތަ ދުވަހު އިސްލާމިކް މިނިސްޓްރިއަށް ޚާއްސަ ސިޓީއެއް ފޮނުއްވާ، ޔޯގާ އިވެންޓު ބޭއްވުމާއި އެބޭފުޅުން ދެކޮޅުކަން ހާމަ ކޮށްފައިވެއެވެ.
އެހެންނަމަވެސް ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދިޔަ ޝުއޫރުތަކާއި ޚިޔާލުތަފާތު ބަޔަކުވެސް ތިބިކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން އެއް ބަޔަކު ދެކޭގޮތުގައި ޔޯގާއަކީ ހަމައެކަނި ސިއްހަތަށް ފައިދާހުރި ކަސްރަތެކެވެ. މި އިވެންޓް އިންތިސާޒާމްކުރި ސަރުކާރުގެ ވުޒާރާގެ މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވިދާޅުވެފައިވަނީ މިއީ ދީނާއި ގުޅުންހުރިކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައި ނުގަންނަވާ ކަމުގައެވެ.
އަނެއް ނުކުތާއަކީ، ސަރުކާރުން މިއަހަރު އިންތިޒާމްކުރި ޔޯގާ އިވެންޓާއި ދެކޮޅަށް ބަޔަކު މީހުން އާދަޔާއި ޚިލާފަށް ބޮޑަށް އަޑު އުފުލަމުން ގޮސްފައިވާއިރު، މިއީ މި އުސޫލުން ރާއްޖޭގައި މި އިވެންޓް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރު ނޫންކަމެވެ.
ރައީސް ޔާމުންގެ ސަރުކާރުގައިވެސް އެއް ފަހަރަށްވުރެ ގިނަ ފަހަރު، ސަރުކާރުންގެ ވަޒީރުންވެސް ބައިވެރިވެގެން، މިފަހަރުގެ ޔޯގާ އިވެންޓް ސަރުކާރުން އިންތިޒާމް ކުރި ވަރަށްވުރެވެސް ކުލަ ގަދަކޮށް ފާހަގަ ކޮށްފައި ވެއެވެ.
ހިނގި ހަމަ ނުޖެހުންތަކުން ކުއްލި ސިހުމެއް!
ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ގަލޮޅު ދަނޑުގައި ބާއްވަން އުޅުނު ޔޯގާ އިވެންޓް އާންމުންގެ ތެރެއިން ބަޔަކު މީހުން، ގަލޮޅު ދަނޑަށް ވަދެގަނެ ހުއްޓުވާފައިވަނީ މިއިވެންޓް ކުރިޔަށް ގެންދިއުމަށް ދަނޑުގައި މެޓްތައް އަޅާ، އަދި ރަސްމިއްޔާތު ފެށުމުގެ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.
މިގޮތުން މިހަރަކާތް އިއްޔެ ހެދނު ފެށުމާއެކު، ދީނީ ޝިއާރުތައް ފާޅުކުރަމުން ދިޔަ އާންމުން ގަލޮޅު ދަނޑަށް ވަދެގެންފައިވަނީ، ދަނޑުގެ ބޭރުގައި ޖަހާފައިހުރި ފެންސްތައް ހަލާކުކޮށް، އަދި ފުލުހުންގެ ސަފުތައްވެސް ފޫއަޅުވާލުމަށް ފަހުއެވެ. އިއްޔެ ހެނދުނު މި ހަރަކާތް އިންތިޒާމްކުރާ މީހުން ދަނޑަށް ހާޒިރުވި އިރުވެސް އާންމު ދިޔައީ އެ ސަރަހައްދަށް އެއްވެ މިހަރަކާތާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު ގަލޮޅު ދަނޑުތެރެއަށް ވަދެގަތް އާންމުން ވަނީ އިންވެޓު ބޭއްވުމަށް ހަމަޖެހުނު ސަރަހައްދުގައި ޖަހާފައިހުރި ރާއްޖެއާއި އިންޑިއާގެ ދިދަތަށް ބިންދާލާ އަދި ޔޯގާ ހަރަކާތް ބޭއްވުމަށް އަތުރާފައިތިބި ބައެއް މެޓްތައް ވީދާ ހަދާ، ގަލޮޅު ދަނޑު ތެރޭގައި މިހަރަކާތާއި ދެކޮޅަށް އަޑުއުފުލާ ހަދާފައެވެ. ދަނޑުތެރެއަަށް ވަދެގަތް މީހުންނާ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުންވެސް ހިނގާފައި ވެއެވެ. ގިނަ މީހުންތިބީ ދީނީ ޝިއާރުތައް ލިޔެފައިވާ ދިދަށްތައްވެސް ހިފައިގެންނެވެ. އަދި މީހުން ދަނޑުތެރެއަށް ވަދެގަތްއިރު ބައެއް މީހުން އަޑުހަރުކޮށް ތަކުބީރު ކިޔަމުން ގެންގޮސްފައި ވެއެވެ.
އެހެންނަމަވެސް، ފުލުހުން ފަހުން މިސަރަހައްދުން މީހުން ދުރަށް ޖައްސާފައިވާއިރު، މިހަރަކާތް ހުއްޓުވުމަށް ގަލޮޅު ދަނޑުތެރެއަށް ވަދެގަތް މީހުންގެ ތެރޭގައި ސިޔާސީ ހަރަކާތްތަކުން އާންމުކޮށް ފެންނަ މޫނުތަކުގެ އިތުރުން ދީނީ ބައެއް އިލްމުވެރިންވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.
މިއަހަރުގެ ޔޯގާ އިވެންޓް ހިގަމުންދަނިކޮށް، އާންމުން ގަލޮޅު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައިވަނީ، މިހަރަކާތުގައި ބައިވެރިވެޑައިގަތުމަށްޓަކާ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއި، ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރުގެ އިތުރުވެސް، އެތައް ސަފީރުންނަކާއި އަދި ގިނަ އަދަދެއްގެ ޑިޕްލޮމޭޓުންވެސް ގަލޮޅު ދަނޑަށް ހާޒިރުވެ ތިއްބަވަނިކޮށްކަވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ، ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް އިމިއުނިޓީ ފޯރުކޮށް ދިނުން ލާޒިމް ބޭރުގެ ޑިޕްލޮމޭޓުންނާއި އަދި އޭގެ އިތުރުންވެސް އެތައް ބަޔަކު މި އިވެންޓުގައި ގަލޮޅު ދަނޑަށް ހާޒިރުވެ ތިއްބަވަނިކޮށް، އެއްވެސް ހުރަހެއް ނެތި، ފުލުހުންގެ ސަފުތައް ފަސޭހަކަމާއެކު ފޫއަޅުވާލުމަށްފަހު ދަނޑަށް ވަދެގަނެ، ތަނުގެ ހާލަތާއި މާހައުލު ބަދަލުވެގެން ދިޔަގޮތުން ގިނަބަޔަކަށް ކުއްލި ހައިރާންކަމެއް ލިބިގެން ދިއުމެވެ.
އަދި، ވަކީން ޚާއްސަކޮށް ގައުމުން ބޭރުގެ އެތަކެއް ޑިޕްލޮމޭޓުންނެއް ޙާޒިރުވެ ތިއްބެވި އިވެންޓެއް ކުރިޔަށް ދަނިކޮށް، ހަމަނުހުން ހިންގާ، މި ރަސްމިއްޔާތު ބާރުގެ ބޭނުންކޮށްގެން ރޫޅާލުމުގެ ފުރުސަތު މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކަށް ލިބިގެން ދިޔަދިއުމުގެ ނަތީޖާއެއްގެ ގޮތުން، މިހިގައިދިޔަ ހާދިސާގެ ސީރިއަސްކަން ވަޒަންކުރެވިދިޔަ އެއްކަމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ، ހާދިސާ ހިގައިދިޔަތަނާ ކަހަލަ ގޮތަކަށް މިހާދިސާ ކުއްވެރިކޮށް ރައީސް ސާލިހު ޓޫވީޓު ކުރެއްވި ކުރެއްވުމެވެ.
An investigation has been launched by @PoliceMv into the incident that happened this morning at Galolhu stadium.
This is being treated as a matter of serious concern and those responsible will be swiftly brought before the law.
— Ibrahim Mohamed Solih (@ibusolih) June 21, 2022
އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހުގީގު ކުރަވާނެކަމަށް ވިދާޅުވެ ރައީސް ސާލިހު ޓުވީޓް ކުރެއްވުމާއެކު، ފުލުހުންވަނީ، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން އަމަލުކުރި ކުރިގޮތުގެ އިންޓާނަލް ރިވިއުއެއް ހަދަމުންދާކަމަށްވެސް ވިދާޅުވެ ބަޔާން ނެރެފައެވެ. އެއަށްފަހު މި ހާދިސާގެ ވޯޑީއޯތަކާއި ފޮޓޯތައް ފުލުހުންނާއި ހިއްސާކުރުމަށް އެދި މި ހަމަނުޖެހުމުގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށްވެސް ފުލުހުންވަނީ އެދިފައެވެ.
ސަރުކާރު ޖަވާބު ދާރީވާންޖެހޭ ނާޒުކު މައްސަލައެއް!
ގައުމުތަކުގައި ހުންނަ އެމްބަސީތަކަކީ، ވަކި ޚާއްސަ ޑިޕްލޮމޓިކް އިމިއުނިޓީއެއްގެ ހިމާޔަތުގައި ހުންނަ ތަންތަނެވެ. ހަމައެކަނި އެމްބަސީ ނުވަތަ ހައިކޮމިޝަންގެ އިމާރާތެއްވެސް ނޫނެވެ. ތަނުގައި މަސައްކަތް ކުރާ ޑިޕްލޮމެޓިކް މުވަޒަފުންނަކީވެސް މި އުސޫލުން، ބައިނަލް އަގުވާމީގޮތުން ބަަލައިގަންނަ، ވަކި ޚާއްސަ އިމްތިޔާޒުތަކަކާއި، އިނާޔަތްތަކެއް ލިބިދީފައި ތިބޭ ބައެކެވެ. މިގޮތުން، އެމްބަސީ ހުންނަ ގައުމެއްގެ އެމްބަސީތަކުގައި މަސައްކަތް ކުރާ ޑިޕްލޮމެޓިކް މުވައްޒަފުން، އެވަގުތަކު ވަޒީފާ އަދާކުރަމުންދާ ގައުމަކަށް ޓެކްސް ދެއްކުމުން އިސްތިސްނާ ވުމާއި، އަދި ކުރިމަތިވާ އެހެނިހެން މައްސަލަތަކަށް ޖަވާބު ދާރީވުމުގައި އަމަލް ކުރެވޭ އުސޫލުތައް ތަފާތުވުންފަދަ، ޚާއްސަ އިމްތިޔާޒްތަކެއް ބައިލަނަލް އަގުވާމީ ގޮތުން ލިބިދީފައި ހުރެއެވެ.
ސަބަބަކީ، ބޭރުގެ ގައުމުތަކުގައި ގާއިމްވެފައި ހުންނަ މިޝަންތަކަކީ، ގައުމުތައް ތަމްސީލު ކުރާ ތަންތަން ކަމުގައި ވެފައި، އެތަންތަނުގެ މަސްލަހަތު ގިނަ ފަހަރަށް މުޅި ދުނިޔޭގެ ސުލްހަ މަސްލަހަތާއިވެސް ގުޅި ލާމެހިގެން ދާތީވެސްމެއެވެ.
މިގޮތުން، ބޭރުގެ ގައުމުތަކުގައި ގާއިމްވެފައި ހުންނަ މިޝަންތަކަށް ބައިނަލް އަގުވާމީގޮތުން ޚާއްސަ އިމްތިޔާޒުތަކެއް ލިބިދެނީ ވިއެނާ ކޮންވެޝަންގައި ގައުމުތަކުން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށެވެ.
މި ކޮންވެންޝަންއަކީ، 1963 ވަނަ އަހަރުގެ މާރޗްމަހުގެ 4 ވަނަ ދުވަހުން އެޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު "ޔުނައިޓެޑް ނޭޝަން ކޮންފަރެންސް އޮން ކޮންސިއުލާރ ރިލޭޝަންސް"އިން އެކުލަވާލާ އެއަހަރުގެ އެޕްރިލް މަހުގެ 24 ވަނަ ދުވަހު ޔޫއެންގެ ހުރިހާ މެމްބަރު ގައުމުތަކުން ބަލައިގެންފައިވާ ކޮންވެންޝަނެކެވެ.
މި ކޮންވެންޝަންގައި ގައުމުތަކުން އެއްވަސްވެފައިވާ ކަންކަމަށް ރިއާޔަތް ކުރާއިރު، ވިއެނާ ކޮންވެންޝަން (1961)ގެ، މާއްދާތަކުން، ގައުމުން ބޭރުގެ މިޝަންތަކުގައި ތިބޭ އެންމެހާ މުވައްޒަފުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު، ހައިކޮމިޝަން/އެމްބަސީގެ އިމާރާތާއި، ހައިކޮމިޝަނަރ ހުންނަވާ ގެކޮޅާއި، އަދި ހައިކޮމިޝަންގައި މަސައްކަތްކުރާ އެންމެ މުވައްޒިފުންނާއި، މުވައްޒިފުން ދިރިއުޅުއްވާ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީވެސް އެމްބަސީ ނުވަތަ ހައިކޮމިޝަން ހުންނަ ގައުމަކަށް ލާޒިމް ކޮށްފައި އޮންނަ ކަމެކެވެ.
އަދި މިއިން އެއްވެސް ފަރާތަކަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް އަމާޒުވެ ނުދިއުން ކަށަވަރު ކޮށްދިނުމުގެ އިތުރުން އެމީހުންގެ މިނިވަންކަމާއި ކަރާމާތައް އެއްވެސް ފަރާތަކަށް އަރައިނުގަނެވޭނެކަން ކަށަވަރު ކޮށްދިނުމާއި، ހައިކޮމިޝަން ނުވަތަ އެމްބަސީގައި މަސައްކަތްތަކަށް ބުރޫ ނާރާނޭކަން، ކަށަވަރު ކޮށްދިނުންވެސް މި ކޮންވެންޝަންއިން ގައުމަތަކަށް ލާޒިމް ކުރެއެވެ.
އެހެންކަމުން މިއަދު ގަޅޮޅު ދަނޑަށް، ޔޯގާ އިވެންޓުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކާ ރާއްޖޭގައި ހުންނަވާ ޔޫއެންގެ އެެންމެ އިސް ފަރާތުގެ އިތުރުން ސަފީރުންނާއި އެތަކެއް ޑިޕްލޮމޭޓުން ހާޒިވެ ތިއްބަވަނިކޮށް، މުޒާހިރާކުރާ ފަރާތްތައް ދަނޑަށް ވަދެގަނެ، ހިންގި ނުރައްކާތެރި ހަމަނުޖެހުންތަކަކަކީ ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ވާން ވާންޖެހޭނޭ ކަމެއްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އަދި ޚާރިޖީ ވުޒާރާއިންނާއި، ދައުލަތުގެ އެހެން މުވައްސަސާތަކުންވެސް މިހާދިސާއާއި ގުޅޭގޮތުން މިހާރު ނެއްވުވަމުން ގެންދަވާ ބަޔާންތަކުންވެސް، މި ހަމަނުޖެހުމުގެ ނުރަގަޅު ޕްރެޝަރާއި ސަރުކާރަށް މިވަގުތުވެސް ކުރިމަތިލާން ޖެހިފައިވާ މިންވަރު މިހާރުވެސް މިދަނީ ވަޒަން ކުރެވެމުންނެވެ.