އައްޑޫގައި ހިނގި ސިލްސިލާ މާރަމާރީތަކެއްގައި، ފަރުވާ ދެމުންދަނިކޮށް މަރުވި 21 އަހަރުގެ ޒުވާނާގެ މަރުގެ މައްސަލާގައި އިތުރު 6 މީހަކު ހައްޔަރުކޮށްފިއެވެ.
އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މި ޒުވާނާ މަރާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގެރޭ ހިނގި މާރާމާރީއެއްގައެވެ. މި މަރާމާރީއެއްގައި ހަމަލާ ދިނުމުން ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައާއި ގުޅިގެން 24 އަހަރުގެ މީހަކައި، 28 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
އަދި މިމަހުގެ 18 ވަނަ ދުވަހު 4 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުގެ ދެމީހަކާއި، 22 އަހަރުގެ މީހަކާއި، 24 އަހަރުގެ މީހަކު ހިމެނެއެވެ. މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 24 އަހަރުގެ މީހާވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ. އަދި 18 އަހަރުގެ އެކަކާއި، 22 އަހަރުގެ މީހާއަށް ވަނީ 15 ދުވަސް ދީފައެވެ. މީގެ ތެރެއިން 18 އަހަރުގެ އެކަކުވަނީ ކޯޓުން ދޫކޮށްލާފައެވެ.
މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ