ޔޯގާ އިވެންޓު ބާއްވަން ރަސްފަންނު ނުދޭން ސިޓީ ކައުންސިލުން ނިންމައިފި

ޔޯގާ އިވެންޓު ބާއްވަން ރަސްފަންނު ނުދޭން ސިޓީ ކައުންސިލުން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2022 03:05
0

ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް ރަސްފަންނު ދޫނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވީ، އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު 6:30 ގައި ބާއްވާ ޔޯގާ ހަރަކާތަށް ރަސްފަންނު ދޫކޮށްދިނުމަށް ޔޫތު މިނިސްޓްރީން އެދިފައިވާ ކަމަށެވެ.

ޔޯގާ އިވެންޓު ބާއްވަން ރަސްފަންނު ސަރަހައްދު ނުދޭން ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ އެއްވުން ހުއްޓުވައިދިނުމަށް އަމިއްލަ ފަރާތަކުން ފުލުހަށްވެސް ހުށަހަޅާފައި ވަނިކޮށެވެ. އެފަރާތުން ބުނެފައިވަނީ ޔޯގާއަކީ އިސްލާމީ ޝަރީޢތުގައި ހުއްދަނޫން ކަމެއްކަން ދުނިޔޭގެ ބޮޑެތި ހުރިހާ އިލްމުވެރިންހެން ބަޔާން ކުރައްވާފައިވާ ކަމަށެވެ.

އަދި ޔޯގާއަކީ އެހެން ދީނެއްގެ ޝިއާރެއްކަމުގައި ވާތީ، އެއީ ޝަރުއުގައި ހަރާމް ކަމެއްކަން، މިޞްރުގެ "ދާރުލްއިފްތާއު" އާއި، ސައުދީގެ ފަތުވާއާ ބެހޭ އެންމެ މަތީ މަޖްލިސް ހިމެނޭހެން، ދުނިޔޭގެ ބޮޑެތި ދީނީ މުއައްސަސާތަކުން ބަޔާންކޮށްފައިވާ ކަމަށެވެ.

ޔޯގާ އަކީ އިންޑިއާގެ ސާގާފީ އަދާކާދަތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. އދ. އިން ވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފައެވެ. ޔޯގާ ދުވަސް ފާހަގަކުރަން އޭރު އދ. އަށް ހުށަހެޅި ގަރާރު ކޯ-ސްޕޮންސާ ކުރަން ވޯޓު ދިން 177 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

އޭގެ ފަހުން ރާއްޖޭގައި ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ޔޯގާ ހަރަކާތެއް ބޭއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.