ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ދައުލަތުގެ ހިންގުމުގެ ގިނަ ޚަރަދުތަކެއް ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވައި ސަރުކާރު އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލާގައި ވަނީ ސަރުކާރުން ޚަރަދު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އޮފީސްތަކުން އަމަލުކުރުމަށް ދަންނަވާފައެވެ.
ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާކަމަށެވެ. އަދި ކުރިން އަންދާޒާ ކުރިވަރަށް ވުރެއް ދައުލަތުގެ ޚަރަދުތައް މަތިވަމުންދާކަމަށެވެ. އިޤްތިޞާދީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއިއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒިފުންގެ ޕްރޮމޯޝަންތައް މެދުކަނޑާލުމާއި، ރަސްމީ ގަޑީގެ އިތުރުން އެހެން ގަޑީގައި ކޮންމެހެން ކުރުވަން ޖެހޭ މަސައްކަތެއް ނޫނީ ނުކުރުމަށް ވަނީ އަންގަވާފައެވެ.
އަދި ދައުލަތުން ހަރަދު ކުރަން ޖެހޭ ގޮތަށް މުވައްޒިފުންނަށް ދޭ ސްކޮލާޝިޕްތައް މިވަގުތު ނުފެށުމަށާއި ހިދުމަތް ހޯދުމުގައި ކޮންމެހެން ހޯދަން ޖެހޭ ހިދުމަތެއް ނޫނީ ނު ހޯދުމަށްވެސް ވަނީ އަންގަވާފައެވެ. މީގެ އިތުރުން އޮފީސްތަކުގެ މަރާމާތުގެ މަސައްކަތްތައްވެސް މަޑު ޖައްސާލުމަށް މިނިސްޓަރ ވަނީ އޮފީސްތަކަށް އަންވާފައެވެ.
އޮފީސްތަކުން މިހާރު ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން 5،000 ރުފިޔާ އަށްވުރެ ބޮޑު ޚަރަދެއް ކުރާނަމަ ފިނޭންސްގެ ހުއްދަ ހޯދުމަށް ފަހު ނޫނީ ނުކުރުމަށްވެސް ވަނީ އަންގަވާފައެވެ. ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މާދަމާ އިން ފެށިގެން އެ ސާކިއުލާ އަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ޚަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތައް:
– ދައުލަތުގެ ބަޖެޓުން ޚަރަދުވާ ގޮތަށް އެއްވެސް މަޤާމެއް ނޫފެއްދުން
– ޕޭކޮމިޝަންގެ ހުއްދަނެތި މުސާރައިގެ އޮނިގަނޑުތަކަށް ބަދަލު ނުގެނައުން
– މުވައްޒިފުންނަށް ޕްރޮމޯޝަން ދިނުމާއި، މުސާރައިގެ ކުރިއެރުން އަންނަފަދަ އެއްވެސް ކަމެއް ނުކުރުން
– ބޭރުގެ ފަރާތްތަކުން ދެއްވާ ދަތުރުތައް ފިޔަވައި ރާއްޖެއިން ބޭރަށް ކުރާ ޚަރަދުތައް މަޑުޖައްސާލުން
– އޮފީސް ތަކުން 5،000 ރުފިޔާއަށް ވުރެ އިތުރަށް ކުރާ ޚަރަދުތަކަށް ފިނޭންސްގެ ހުއްދަ ހޯދުން
ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގާއި، ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ދައުލަތުގެ ޚަރަދުތަކަށް ކުރުމުގެ އުސޫލެއް އާންމުކޮށްފައިވަނީ މިފަދަ ފިޔަވަޅެއް އަޅާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވަނިކޮށެވެ. އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު ލޯނުތައް ނަގައިގެން އައު ބޮޑު މަޝްރޫއެއް މިވަގުތު ނުފައްޓަވާނެ ކަމަށާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލާ ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ ގައުމު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ