ރާއްޖޭގެ އެއްވެސް މިސްކިތެއްގެ ހުރުމަތް ކެނޑޭގޮތަށް އެއްވެސް ކަމެއް ކުރުމުގެ ޖާގަ ދެވިގެން ނުވާނެކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާ މައްސަލައެއް ފެންމަތިވެ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
ޑރ.އިޔާޒު ވިދާޅުވީ މިސްކިތްތަކަކީ ހުރުމަތްތެރި ވެގެންވާ ތަނެއްކަމަށެވެ. މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އެއްވެސް ބަޔަކު ކަމެއް ކުރާނަމަ އެކަމެއް ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޑރ.އިޔާޒު އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މިސްކިތަކީ ޙުރުމަތްތެރިވެގެންވާ ތަނެއް. އެއްވެސް ގޮތަކުން މިސްކިތުގެ ޙުރުމަތް ކެނޑޭފަދަ ކަމެއް ބަޔަކު ކުރާނަމަ އެކަން ހުއްޓުވެން އޮތްގޮތަކަށް ހުއްޓުވަންޖެހޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ދަރަނބޫދޫގެ އާސާރީ މިސްކިތުގައި އިންޑިއާގެ މަސައްކަތްތެރިން ގެންގުޅޭތީ ރާއްޖޭގެ ދީނީ ބައެއް ބޭފުޅުން ވެސް ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ދަރަނބޫދޫގައި މަސައްކަތް ކުރާ އިންޑިއާ މީހުން ބައިތިއްބައިގެން އުޅޭ މިސްކިތަކީ ގަބުރު ފެނިފެން މީގެ 10 ވަރަކަށް އަހަރު ކުރިން ބަންދުކުރި މިސްކިތެއްގައެވެ.
މިސްކިތުގައި ނިންދަވަނީ އެރަށުގައި ނަރުދަމާ އަޅަން ގެންގުޅޭ އިންޑިއާގެ ލޭބަރުންނެވެ.
ކޮމެންޓު ފޮނުވާ