އެމްއާރުއެމްއިން އިންޑިއާ ސަފީރާއި ބައްދަލުކޮށްފި

އެމްއާރުއެމްއިން އިންޑިއާ ސަފީރާއި ބައްދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2022 05:54
0

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ބައްދަލު ކޮށްފިއެވެ.

މިބައްދަލުވުމުގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، އެޕާޓީގެ ނާއިބް ރައީސާ ނާދިރާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން އެމްއާރުއެމްއިން ބުނެފައިވަނީ މިބައްދަލުވުމުގައި އެމްއާރުއެމްގެ ކުރިމަގާއި ގުޅޭގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިހާރުގެ ހާލަތައި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި އިންޑިއާއާއި، ދިވެހި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެއް އޮންނަ އެކުވެރި ގުޅުމުގެ މައްޗަށްވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. އެމްއާރުއެމްއިން އިންޑިއާ ސަފީރާއި ބައްދަލުކޮށްފައިވާއިރު، ދާދިފަހުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންޑިއާ ސަފީރާއި ބައްދަލު ކުރައްވާފައެވެ.

ގާތް ގާތުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، އިންޑިއާގެ ހައިކޮމިޝަނުން ބައްދަލުވުންތައް ބާއްވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ރައީސް ޞާލިހު ނެރުމަށް އިންޑިއާ ހައިކޮމިޝަނުން މަސައްކަތް ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން އަދި މިހާތަނަށް ތާއީދު ކުރާނެ ވަކި ކެނޑިޑޭޓެއް އިއުލާން ކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފަލަސްތީން
ތީ ދަމާކަޑާ ޕާޓީއެއް