ކުނީގެ އެކި ބާވަތްތައް ވަކިކުރުން މިމަހުގެ 1 ވަނަދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާއިރު ފާއިތުވީ 2 ހަފްތާގެ ތެރޭގައި އެ މަސައްކަތް އެންމެ ފުރިހަމައަށް ކޮށްފައިވަނީ ހެންވޭރާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކުނިމެނޭޖްކުރުމުގެ މަސައްކަތްތައް ކުރާ ކުންފުނި ވެމްކޯއިން ތައްޔާރުކޮށްފައިވާ މާލެއާއި ހޫޅުމާލޭގެ ހީޓްމެޕް މިނިސްޓަރ ޝައުނާ މިއަދު ވަނީ ޓްވީޓްކުރައްވާފައެވެ. މި ހީޓްމެޕުން ދައްކާގޮތުގައި އެންމެ ފުރިހަމައަށް ކުނިވަކިކޮށްފައިވާ ގޭބިސީތައް އެންމެ ގިނައީ މާލޭގެ ހެންވޭތުގެ ބައެއް ސަރަހައްދުތަކާއި ހުޅުމާލޭގެ ބައެއް ގޭބިސީތައް ހިމެނޭ ސަރަހައްދުތަކުގައެވެ.
މީގެ އިތުރުން ކޮންމެވެސް މިންވަރަކަށް ކުނި ވަކިކުރާ ގޭބިސީތަކުގެ މިންވަރު ވަރަށް ގިނައެވެ. އަދި މައްޗަންގޯޅީގެ ބައެއް ސަރަހައްދު ތަކާއި މާފަންނުގެ އިތުރުން ހުޅުމާލޭ ގޮނޑުދޮށް ހިމެނޭ ސަރަހައްދުގެ ގިނަ ގޭބިސީތަކުން ކުނި ވަކިނުކުރާ ކަން ހީޓްމެޕުން ފާހަގަވެއެވެ.
މި މެޕް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިއީ އެންމެ 2 ހަފްތާގެ ނަތީޖާ ކަމަށާއި ކުރިއަށް އޮތްތާ އަދި ރަނގަޅުކުރެވޭނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގައި ބައިކޮށްގެން ކުނި ނެރޭ މިންވަރު މި ހީޓް މެޕިުން އެބަ އެނގޭ. ގިނަ ގެބިސީތަކުން ވަރަށް ފުރިހަމައަށް އަދި ކޮންމެވެސް މިންވަރަކަށް ކުނި ބައިކުރޭ. މިއީ އެންމެ 2 ހަފްތާގެ ނަތީޖާ. އަދި ރަނގަޅުކުރެވޭނެ.
🟢 ވަރަށް ރަނގަޅު
🟡 ކޮންމެވެސް މިންވަރަކަށް
🔴 ބައިނުކުރޭ pic.twitter.com/cBcOWPUpp0— Shauna Aminath 🎈❓ (@anuahsa) June 17, 2022
ވެމްކޯއިން މީގެކުރިން ބުނެފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ގޭބިސީތަކުން އުކައިލަން ނެރޭ ކުނި ހުންނަން ޖެހޭނީ ބައިތައް ވަކިކޮށްފައި ކަމަށެވެ. އެނޫން ގޮތަކަށް ނެރޭ ކުނި އުކައިލަން ހަވާލުނުވުމުގެ އިޚުތިޔާރު، ކުނިމެނޭޖްކުރުމުގެ ގަވައިދުން އެކޯޕަރޭޝަނަށް ލިބިދީފައިވެއެވެ. މިގޮތުން މާލެ ސަރަޙައްދުންނާއި އަތޮޅުތަކުންވެސް ކުނިވާ ބާވަތްތަކާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ކުނިތައް ވަކި ކުރުމަށްފަހު ކުނި އުކާލަން ވެމްކޯއަށް ހަވާލުކުރަން ޖެހެއެވެ.
ކުނި ވަކިކުުރުމަކީ ދުނިޔޭގެ ތަހުޒީބު ގިނަ މުޖުތަމައުތަކެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާ އެކީ ތަޖުރިބާކޮށްފައިވާ ކަމެއްކަން ފާހަގަކޮށް ވެމްކޯއިން ވަނީ އެގޮތަށް ވަކިކުރުމުން މެނޭޖްކުރަން ޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވާނެކަމަށް ބުނެފައެވެ.
ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހްގައިވާގޮތުން ހުރިހާ ރަށެއްގައިވެސް، ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖުކުރުމަށް ދާ ޚަރަދަށް ޤާނޫނީގޮތުން ޒިންމާ ވާން ޖެހޭނެއެވެ. އަދި ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ބައިތައްވެސް ހިމަނާފައިވެއެވެ. އެގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން އަދި އެހެނިހެން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 4 ބަޔަކަށް ވަކިކޮށްފައެވެ. އަދި މާލޭ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 3 ބަޔަކަށް ވަކިކޮށްފައެވެ.
އެގޮތުން ގޭބީސީއަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާ، ދެވަނަ ފަހަރު 500 ރުފިޔާ އަދި ތަކުރާރުވާ ކޮންމެ ފަހަރަކުވެސް 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތައް، އަދި ކުނި އުފައްދާ އެހެން ފަރާތަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 500 ރުފިޔާ، ދެވަނަ ފަހަރު 700 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރުންވެސް ތަކުރާރު ކުރާ ފަހަރުތަކުގައި 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
ސިނާޢީ ރަށެއް ނުވަތަ ރިސޯޓަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަހަރު 1500 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރަށް ކުނި ވަކި ނުކުރާ ފަހަރުތަކުގައި 2000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.