ޗައިނާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ނޫން: އަމީރު

ޗައިނާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ނޫން: އަމީރު

Author
މުޙައްމަދު ޝަޒައިމް
13 ޖޫން 2022 06:39
0

ޗައިނާ އާއި އެހެން ގައުމަކުން ވެސް ރާއްޖެއިން ނަގާފައިވާ ލޯނުތަކަކީ، އެ ލޯނުތައް ނުދެއްކިއްޖެ ނަމަ، ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ވިއްކާލަން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ލޯނުތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު މިއަދު ކުރެއްވި ސުވާލަކާ ގުޅިގެން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ލޯނެއް ހުރީ ގައުމުގެ އެއްޗެއް މޯގޭޖު ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުގައި، އަންޑަލައިން އެސެޓް މޯގޭޖުކޮށްގެން ލޯނުތައް ނަގައިފައި ހުއްޓަސް، ދިވެހި ސަރުކާރުން މިހާތަނަށް އެގޮތަށް އެއްވެސް ލޯނެއް ނަގައިފައެއް ނުވެ އެވެ. އެންމެ ކުރިން ފެށިގެން ވެސް ދިވެހި ސަރުކާރުން ގެންގުޅެމުން އަންނަނީ އެ އުސޫލު ކަމަށް ވިދާޅުވިއެވެ.

ޑިފޯލްޓު ވިޔަސް، ބަޔަކު އައިސް މި ގައުމުން ގެންދާނެ އެއްޗެއް ނެތް. އެސެޓެއް ނެތް. އަޅުގަނޑުމެންނަށް ވެސް 2018 އިން ފެށިގެން މި ހިސާބަށް ފިނޭންސް މިނިސްޓަރުކަމުގައި ކުރާ މަސައްކަތުގައި ވެސް އާދޭ ޕްރޮޕޯސަލް އެއްޗިހި މޯގޭޖުކޮށްލައިގެން، 200 މިލިއަން ޑޮލަރު ދޭނަމޭ ބުނެ. އެކަމަކު އަޅުގަނޑުމެން މި ބުނަނީ ނޫނެކޭ.

– މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އެންމެ ގިނަ ލޯނު ނަގާފައި ވަނީ ޗައިނާގެ ބޭންކްތަކުންނެވެ. އެ އަދަދު 21 ބިލިއަން ރުފިޔާ އަށް އަރައެވެ. ޗައިނާގެ ދަރަންޏަކީ މިސަރުކާރަކަށް ދަންތުރައެއްގެ ގޮތުގައި ސިފަ ކުރެއްވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.