ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް ހިންގަމުންދާ ޢަމަލުތަކާއި، ދައްކަމުންދާ ވާހަތަކާިއގުޅިގެން މާތް ނަބިއްތާގެ ދިފަޢުގައި އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ނަބިއްޔާއަށް ފުރައްސާރަ ކުރުން ފަދަ ކަންކަމަކީ ލުއިކޮށް ނެގޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި މިކަން ފަސޭހައިން ދޫކޮށްނުލާނެ ކަމަށެވެ. ޕީޕީއެމްއަކީ އަބަދުވެސް އިސްލާމީން ދީނުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް އަބަދުވެސް ކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޕާޓީކަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން މާތް ރަސޫލާގެ ދިފާއުގައި ބާއްވާ ޚާއްސަ ބޮޑު ޖަލްސާ އަންނަ ބުރާސަފަތި ދުވަހުގެ ރޭ 08:30 ކާނިވާ ސަރަހައްދު ގައެވެ.
ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް 16 ވަނަ ދުވަހުގެރޭ ބޮޑު ޖަލްސާއެއް އޮންނާނެ. ބީޖޭޕީގެ ދެ އިސް އޮފިޝަލުންގެ އަމަލުތަކަށް އެމީހުން މައާފަށް އެދެން ޖެހޭނެ. ކޯލިޝަންގެ ބޭނުމަކީ ރަސޫލާގެ ދިފާއުގައި އަޑުއުފުލުން. މިއީ ސިޔާސީ ކަމެއް ނޫން. ކޮންމެ ފިކުރަކަސް މި ޖަލްސާގެ ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް.
– ޑރ. ޝަހީމް ވިދާޅުވިއެވެ.
ރަސޫލާއަށް ކުރި ފުރައްސާރައާ ދެކޮޅަށް ރަސޫލާގެ ދިފާއުގައި "މަގޭ ނަބިއްޔާ"ގެ ނަމުގައި ދިވެހި ގިނަ ޒުވާނުންތަކެއް އިސްނަގައިގެން އިއްޔެ ވަނީ ސައިކަލު ބުރެއް ވެސް ބާއްވާފައެވެ. އިދިކޮޅު ކޯލިޝަނުން ރަސޫލާގެ ދިފާއުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމީ ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފައި ވަނިކޮށް، އެ ފިޔަވަޅަކީ އެންމެ އެކަށޭނެ ފިޔަވަޅުކަމަށް ނުދެކޭތީ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.