މުޝައްރަފްގެ ސިއްޙީ ހާލުކޮޅު އަބުރާ އިއާދަ ނުކުރެވޭ ވަރަށް ގޯސްވެއްޖެ: އާއިލާ

މުޝައްރަފްގެ ސިއްޙީ ހާލުކޮޅު އަބުރާ އިއާދަ ނުކުރެވޭ ވަރަށް ގޯސްވެއްޖެ: އާއިލާ

Author
ހުސެއިން
10 ޖޫން 2022 07:02
0

ޕާކިސްތާންގެ ކުރީގެ އަސްކަރީ ވެރިޔާ، ޖެނެރަލް ޕަރުވޭޒް މުޝައްރަފް ސިއްހީ ހާލުކޮޅު ވަރަށް ސީރިއަސް ކަމަށާއި، އެހެންނަމަވެސް އޭނާ އަވަހާރަ ވެއްޖެކަމަށް ދެކެވޭ ވާހަކަތައް އާއިލާއިން ދޮގު ކޮށްފިއެވެ.

ޔޫއޭއީގެ ހޮސްޕިޓަލެއްގައި ޖެނެރަލް މުޝައްރަފް އަވަހާރަވެއްޖެ ކަމަށް މީޑިއާތަކުގައި އާންމު ކޮށްފައިވާ މައުލޫމާތުތައް ދޮގުކޮށް އާއިލާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އޭނާ އަދި ދުނިޔޭގައި އެބައޮތް ކަމަށާއި އަދި އޮންނެވީ ވެންޓިލޭޓަރުގެ އެހީގައިވެސް ނޫންކަމުގައެވެ.

އާއިލާއިން ބުނެފައިވަނީ، އާލާސް ކަންފުޅުގައި މުޝައްރަފް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނަތާ މިހާރު 3 ހަފްތާވެފައި ވާއިރު، މިހާރު އޮންނެވީ އަބުރާ އިއާދަ ނުކުރެވޭ ހާލަތަށް ސިއްހީ ހާލުކޮޅު ގޯސްވެފައެވެ. އަދި ހަށިގަޑުގެ ގުނަވަންތައް ފެއިލްވަމުންދާ ކަންވެސް އާއިލާއިން ހާމަ ކޮށްފައި ވެއެވެ.

"އޭނާ އޮންނެވީ ވެންޓިލޭޓަރުގައެއް ނޫން. ސިއްހީ ހާލުކޮޅުގެ ސަބަބުން ކުރިމަތިވި މައްސަލަތަކަކަށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނަތާ މިހާރު 3 ހަފްތާ ވެއްޖެ،" މުޝައްރަފްގެ އާއިލާގެ ފަރާތުން ކޮށްފައިވާ ޓުވީޓުގައި ހާމަ ކޮށްފައި ވެއެވެ.

"މިހާރު ކަޑައްތު ކުރަމުންދަނީ ވަރަށް އުދަގޫ، އިއާދަ ނުކުރެވޭނެ ހާލަތެއް، އަދި ހަށިގަޑުގެ ގުނަވަންތައް ދަނީ ފެއިލްވަމުން. އޭނާއަށް ފަސޭހަކަން ދެއްވާތޯ ދުއާ ކޮށްދިނުން އެދެން،" އާއިލާގެ ފަރާތުން ކޮށްފައިވާ ޓުވީޓުގައި އެދިފައި ވެއެވެ.

މިހާރު އުމުރުން 78 އަހަރުގެ މުޝައްރަފް ޕާކިސްތާންގެ ވެރިކަން ކުރައްވާފައިވަނީ 1999 އިން 2008 ވަނަ އަހަރާއި ހަމައަށެވެ. އަދި 2016ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއީގައެވެ. 2016ވަނަ އަހަރު ސިއްޙީ ފަރުވާއަކަށް ދުބާއިއަށް ވަޑައިގެންނެވި ފަހުން އޭނާ ޕާކިސްތާނަށް ވަޑައިގެންފައެއް ނުވެއެވެ.

2007ވަނަ އަހަރު ޕާކިސްތާންގެ ގާނޫނު އަސާސީ ސަސްޕެންޑު ކުރި މައްސަލާގައި އޭނާގެ މައްޗަށް އެގައުމުންވަނީ ދައުވާ އުފުލާފައެވެ. އަދި މީގެ އިތުރުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ މަރުގެ ތުހުމަތާއި، ޕާކިސްތާންގެ ރަތް މިސްކިތުގެ އިމާމްގެ މަރުގެ މައްސަލާގައިވެސް ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.