މިމަސް ނިމުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް 3،000 ގޯއްޗަށް އިއުލާން ކުރާނެ

މިމަސް ނިމުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް 3،000 ގޯއްޗަށް އިއުލާން ކުރާނެ

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2022 04:29
0

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ގޯތި ދިނުމަށް ހަމަޖެހިފައިވާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް މިމަހު ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި އެއްގޮތަށް، މިމަސް ނިމުމުގެ ކުރިން 3،000 ގޯއްޗަށް ހުޅުވާލާނެކަމަށެވެ. ނަމަވެސް ގޯއްޗަށް ހުޅުވާލާނީ ކޮން ތަނަކުން ކަމެއް ރައީސް ހާމަ ނުކުރައްވައެވެ.

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އަދި މިކަންކަން ކުރުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތަކާއި ކުރިމަތިލާ ފަރާތްތަކަށް މާކްސް ދޭނެގޮތުގެ މިންގަނޑުތަކެއް އެކުލަވާލުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައެވެ. އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށްވެސް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި ދަތި ޙާލުގައި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެންޖެހުމެވެ. މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރެއިން 2159 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އަދި 2023 ވަނަ އަހަރު 2429 ޔުނިޓު ނިމޭނެކަމަށާއި 2024 ގެ ނިޔަލަށް 3361 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.