ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ބަލަން ނިންމައިފިއެވެ.
އެސްއޯއޯ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއެވެ. އެ ކޮމެޓީގެ ބައްދަލުވުމުގައި ނިހާދު ވިދާޅުވީ، ޕީއެސްއެމް އިން 100 މިލިއަން ރުފިޔާ އަށް ހިޔާނަތްތެރިވި ކަމަށް ވާހަކަދެކެވެމުން ދަނިކޮށް، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް ވެސް އުވާލައި، އެ މަސައްކަތް އައުޓް ސޯސްކުރަން ނިންމާފައި ވާތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ޖެހޭ ކަމަށެވެ.
އެ މައްސަލަ އަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީއެވެ. އެ މައްސަލަ ކޮމިޓީން ބަލަން ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަން ނިންމުމާ ގުޅިގެން މައުލޫމާތު ހޯދަން ޕީއެސްއެމް އަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ މައުލޫމާތުދޭން ވަކި މުއްދަތެއް ދޭނެ ކަމަށް ވިދާޅުވިއެވެ.
އެއަށް ފަހު، ކޮމިޓީގައި އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ޕީއެސްއެމަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ނިހާދު ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކޮމިޓީގައި އޭނާ ނުދެއްވައެވެ.
ކޮމެޓީގެ ހުރިހާ މެމްބަރުން އެ ހުށަހެޅުމަށް ތާއީދުކުރެއްވިއިރު، އެ މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް ޕީއެސްއެމް އަށް ސިޓީ ފޮނުވަން ވެސް ނިންމިއެވެ.
ކޮމެންޓު ފޮނުވާ