ގިރިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ

ގިރިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
05 ޖޫން 2022 07:26
0

ސިފައިންގެ ތަމްރީނަށް ބޭނުންކުރަމުންދާ ކ.ގިރިފުށީގެ ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

ގިރިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކުރި މިދިޔަ އަހަރުގެ ޖޫންމަހުއެވެ. މި ޕްރޮޖެކްޓްގައި މައިގަނޑުގޮތެއްގައި ހިމަނާފައިވަނީ ބަނދަރުގެ ބޭރު ތޮށި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތެވެ.

ގިރިފުށީ ބަނދަރަކީ 2002ވަނަ އަހަރު މަސައްކަތް ނިންމައި ބޭނުންކުރަން ފެށި ބަނދަރެކެވެ. އޭގެ ފަހުން ބަނދަރުގެ ބޭރު ތޮއްޓަށް އެކި ފަހަރުމަތިން ބޮޑެތި ގެއްލުންތަކެއް ލިބި، ތޮށިގަނޑުވަނީ ހަލާކުވެފައެވެ. އަދި ކުދި މަރާމާތުތައް ކުރަމުން ދިޔަ ނަމަވެސް، އެ މައްސަލައަށް ދާއިމީ ޙައްލެއް މީގެކުރިން ގެނެސްފައެއް ނެތެވެ.

ތޮށިގަނޑު ހަލާކުވެފައި ވުމުގެ ސަބަބުން ބަނދަރު ތެރޭ ރާޅު ގަދަވެ އުޅަނދުފަހަރަށް ގެއްލުން ލިބުމާއި، ސިފައިންގެ ތަމްރީނުތަކުގައި ބައެއް ޕްރޮގްރާމްތައް ހިންގުމަށް ގިނަ ދަތިތަކެއް ދިމާވަމުން ދިޔަކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ. ގިރިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމަނައިގެން ގިރިފުށީ ބަނދަރުގައި 314 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްވަނީ ލަފާއެވެ. މިއީ 18.35 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމްއެންޑީއެފްއިން އެމްޓީސީސީއާއި ހަވާލުކުރި މި ބަނދަރުގެ މަސައްކަތަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވަނީ ދެ އަހަރަށް ބަހާލައިގެންނެވެ. މާލެ އަތޮޅުގައި އޮންނަ ގިރިފުއްޓަކީ ސިފައިންގެ އަސްކަރީ ތަމްރީންތައް ކުރިއަށްގެންދިއުމަށް ބޭނުންކުރަމުން އަންނަ މައި ރަށެވެ. 1986ވަނަ އަހަރުން ފެށިގެން، ސިފައިންގެ އަސްކަރީ ތަމްރީންތަކުގައި ގިރިފުށި ބޭނުންކުރަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.