ދައުލަތުގެ މީޑިއާ ޕީއެސްއެމް ބިލިއަނުން ދަރަނިވެރިވެ، ނުފުޑެނީސް އަވަސް ހައްލެއް ގެންނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ ވޭތެވެދިޔަ 14 މަސްދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް އެކުންފުނިން އެދޭ މިންވަރަށް ހާސިލްވެފައިނުވާކަމަށްބުނެ ގިނަ ތުހުމަތުތަކެއްކޮށް، އޮޑިޓް މަސައްކަތް އައުޓްސޯސް ކުރުމަށް އެކުންފުނިން މިއަދު ނިންމި ނިންމުމާއި ގުޅިގެން ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
ނިހާދު ވަނީ މީގެ ހަފްތާއެއް ކުރިންވެސް ދައުލަތުގެ މީޑިއާގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް، އެކުންފުނި ހިންގަން ހަވާލުވެ ހުންނެވި އަލީ ހާލިދަށް ކުންފުނި ހިންގުމުގައި އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވޭތީ އޭނާ ބަދަލު ކުރުމަށް ގޮވާލާފައެވެ. ނިހާދު މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މީގެ ކުރިންވެސް ޕީއެމްއެމްގެ ވެރިއަކަށް ހުރި މީހާއަށް އެކަން ނުވާ ވާހަކަ ބުނެފައިވަނީ ކަމުގެ ހަގީގަތް އެނގޭތީކަމަށެވެ.
މިހާލަތުގައިވެސް ޕީއެސްއެމްއަށް އޮތް އެންމެ ރަނގަޅު ހައްލަކީ ރަނގަޅު ވެރިއަކު ތަނަށް އައްޔަން ކުރުންކަމަށެވެ. މިހާރުގެ ހާލަތު އޮތް ގޮތުން ޕީއެމްއެމް ބިލިއަނުން ދަރަނިވެރި ނުވަނީސް އަވަސް ހަލެއް އެކުންފުންޏަށް ގެންނަންޖެހޭކަމުގައި ނިހާދު ވިދާޅުވިއެވެ.
ޕީއެސްއެމްގެ ވެރިއަކަށް ހުރި މީއާއަށް މިކަން ނުވާނެ ވާހަކަ މާ ކުރިންވެސް ބުނެފިން! އެހެން ބުނީ ވާނުވާ އެނގޭތީ. އަވަސް ހައްލު ބޭނުން ބިލިއަނުން ކޮމްޕެނީ ދަރަނިވެރިވެ ނުފުޑެނީސް.
– ނިހާދު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާގެ އޮޑިޓް ޓިޕާޓްމަންޓަށް މަސައްކަތް ނުކުރެވޭކަމަށް ބުނެ އޮޑިޓް ކުރުން އައުޓްސޯސް ކުރުމަށް ނިންމުމާއި ގުޅިގެން އެ ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަހުމަދު ފަޒީލް ވަނީ އޮޑިޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތް ބައެއް މީޑިއާތަކާއި ހިއްސާކޮށްފައެވެ. ފަޒީލް ވިދާޅުވީ އެ ޑިޕާޓްމަންޓް އުވާލިއިރު 100 މިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ 14 މައްސަލައަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ