ވިލިނގިލީގައި 50 ރޯހައުސް އަޅަން ޙަވާލުކޮށްފި

ވިލިނގިލީގައި 50 ރޯހައުސް އަޅަން ޙަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ޖޫން 2022 08:24
0

ގއ.ވިލިނގިލީގައި 50 ރޯހައުސް ތަރައްޤީކުރަން ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުއަކީ އާބާދީ ބޮޑުވަމުންދާ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހިމެނޭ ޕްރޮޖެކްޓެކެވެ. ގއ.ވިލިނގިލީގައި 50 ރޯހައުސް އެޅުމަށް ހަވާލުކޮށްފައިވަނީ، ދޮންބޭޒް ޕްރައިިވެޓް ލިމިޓެޑްއާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން ޑިޕަރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާންއެވެ. ދޮންބޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫންއެވެ.

ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މިމަޝްރޫޢުގައި ހިމެނޭ ކޮންމެ ރޯހައުސްއެއްވެސް ފަރުމާކޮށްފައިވަނި 2 ފަންގިފިލާއަށެވެ. މިއިން ކޮންމެ ގެއެއްގެ ބޮޑުމިނުގައި 700 އަކަފޫޓު ހުންނާނެއެވެ. ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ މި ރޯހައުސްތަކަކީ 3 ކޮޓަރީގެ ގެތަކެއްކަމަށެވެ. އެގޮތުން ކޮންމެ ރޯ ހައުސްއެއްގައި 3ކޮޓަރި، 3 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ބެލްކަނީ އަދި ލޯންޑްރީ އޭރިއާއަކާއި ސްޓޯރޫމް ހިމެނޭނެކަމަށެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަކޮށްދީ، ހިތް ފަސޭހަ މާހައުލެއް ޤާއިމުކުރުމަށް އެ ސަރަޙައްދު ވަށައިގެން ސްޓްރީޓް ލައިޓް ހަރުކުރުކޮށް އަލި ކުރާނެކަމަށެވެ. އަދި ސަރަޙައްދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް ހިތްފަސޭހަކޮށްލުމަށް ރޯހައުސްތައް ހިމެނޭ ސަރަޙައްދުގައި މި ޕްރޮޖެކްޓްގެ ދަށުން ޕާކެއް ތަރައްޤީކުރާނެކަމަށެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ވެހިކަލް ޕާކުކުރުމަށް ޚާއްސަ ޕާކިން ޒޯނެއްވެސް ހެދުމަށް ހިމަނާފައިވާކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ދޮންބޭސްޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 9 މަސް ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫޢުއަށް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަ ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.