ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޞައްޙަ ނޫން ފޯމް ހުށައަޅާ ސިޔާީ ޕާޓީތަކާއި، އެޕާޓީތަކުގެ ވެރިން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުން ނިންމި މި ނިންމުމާއި ގުޅޭގޮތުން އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ފާއިތުވި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްޙަނޫން ކޮންމެ ފޯމަކަށް، އެޕާޓީއެއް 10 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ކޮމިޝަންގެ ބައްދަލުވުމުގައި ފާސްކޮށްފައިވާކަމަށެވެ. އަދި އެ ފަދަ ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާއިން ޖުރުމާނާ ކުރަން ފަށާގޮތަށްވެސް ފާސްކޮށްފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.
މިއީ ވަގަށް ނުވަތަ އެމީހަކށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ އަދި އެޕާޓީގައި ހަރަކާތްތެރި މެންބަރެއްކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓެ) ދާދިފަހުން އުފެދުނު ކާނަލް ނާޒިމްގެ އެމްއެންޕީއަށް ވައްދާފައިވާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.
އީސީން ބުނެފައިވަނީ ޒިޔާދުގެ ފޯމުގައި ސޮއިކޮށްފައިވަނީވެސް އެ މެންބަރުގެ ސޮޔާއި ވަރަށް އެއްގޮތް ގޮތަކަށްކަމަށެވެ.
ކޮމެންޓު ފޮނުވާ