އިންޑިއާއާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަދަމުން އަންނަ ހައިޑްރޯގްރަފީ ސާރވޭގެ ދެވަނަ ބުރު ނިންމާލިއިރު ރާއްޖޭގެ ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފް އިންބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ އެ ސާރވޭގެ ފައިދާއާއި ފަސޭހަ ރާއްޖެއަށް ކުރާނެކަމަށެވެ.
އިންޑިއާގެ މަނަވަރު ސުތުލެޖް އިން ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނަން ކުރާ އެ ސާރވޭ އިއްޔެ ނިންމާލިއިރު އެ ސާރވޭއަކީ އޭޕްރީލް 18 ގައި ފެށި ސާވޭއެކެވެ.
ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭގައި ރާއްޖޭގެ އުތުރާއި މާލެ ސަރަހައްދު ވެސް ސާވޭކުރިއިރު ސާވޭގެ ތެރޭގައި 6،500 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވާއިރު، އެއީ އުތުރުގައި 4،750 ނެނޮމީޓަރުގެ ސައުންޑިން އާއި މާލެ ކައިރީގެ 1،730 ނެނޮމީޓަރުގެ ސައުންޑިންއެވެ.
ޖުމްލަ 944 އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ސައުންޑިން ލައިން ފޮނުވައިގެން ކާމިޔާބުކަމާ އެކީ ސާވޭކޮށްފައިވާ ކަމަށާއި، އެއީ ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫއިން ފެށިގެން ށ.ފަރުކޮޅު ފުނަދޫއާ ހިސާބަށް 844 އަކަކިލޯމީޓަރާއި މާލެ ސަރަޙައްދުގެ 100 އަކަކިލޯމީޓަރުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެންމެ ފަހުން ރާއްޖޭގެ ސަރަހައްދު ސާވޭކުރީ 1853ގައިކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އިންޑިއާ އަކީ 1955 އިން ފެށިގެން އިންޓަނެޝަނަލް ހައިޑްރޮގްރަފިކް އޮގަނައިޒޭޝަން (އައި.އެޗް.އޯ) ގެ މެމްބަރު ގައުމެކެވެ. އަދި ނޯތު އިންޑިއަން އޯޝަން ހައިޑްރޮގްރަފިކް ކޮމިޝަން (އެން.އައ.އޯ.އެޗް.ސީ) ފައުންޑިން މެމްބަރެއްގެ އިތުރުން، ސައުތު އެފްރިކާ އައިލެންޑްސް ހައިޑްރޮގްރަފިކް ކޮމިޝަން (އެސް.އޭ.އައި.އެޗް.ސީ) ގެ އެސޯސިއޭޓް މެމްބަރެކެވެ. ހައިޑްރޮގްރަފިކް ހިދުމަތްތަށް ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ނޫ އިގްތިސާދު ހަރުދަނާކޮށް ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިމްޕްލިމެންޓް ކުރުމަށް ނެގޭ މުހިންމު ފިޔަވަޅެކެވެ. ދިވެހިރާއްޖޭގެ ކުރިއެރުމާއި، ހަމަޖެހުން އަދި ޑިމޮކްރެސީ ދެމެހެއްޓުމަކީ އިންޑިއާ އާއި މުޅި ސަރަހައްދުގެ މަސްލަހަތާއި ގުޅިފައިވާކަމެކެވެ.
ރާއްޖޭގެ ކަނޑުގެ އަޑީގެ ސަރަހައްދު ދެނެގަތުމަށް ކަމަށްބުނެ އިންޑިއާއާއިއެކު ހަދާ ސާވޭއަކީ ރާއްޖޭގެ ވަތުބަތާނެ ދިނުމަށް މިސަރުކާރުން ކުރާ އަޑިނޭގޭ ކަމެއް ކަމުގައި އިދިކޮޅުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ