އިންޑިއާގެ ޗެމްޕިއަން ބަލިކޮށް މާޒިޔާއިން އުއްމީދު އާކޮށްފި

އިންޑިއާގެ ޗެމްޕިއަން ބަލިކޮށް މާޒިޔާއިން އުއްމީދު އާކޮށްފި

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕް ޑީގައި އިންޑިއާގެ ގޯކުލަމް އެފްސީ ބަލިކޮށް، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އުއްމީދު އާކޮށްފިއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ރޭ ކުޅުނު ދެވަނަ މެޗުގައި މާޒިޔާއިން ވަނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް އެފްސީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން މާޒިޔާއިން ވަނީ ކުރިއަށް ޖެހި ގޯކުލަމްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯކުލަމްގެ ގޯލްކީޕަރު ރާކިސްތް ދަގާ ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި މާޒިޔާގެ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ސްޓެވާޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި ފުރަތަމަ ހާފުގައި މާޒިޔާގެ ޑިފެންޑަރު ނަމަންޖާ ކާޓަލް އާއި އިތުބާރު ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި މާޒިޔާއިން ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޓަނާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯނޭއެވެ. މި ލަނޑަށްފަހުވެސް މާޒިޔާއިން ވަނީ ފުލުފުލުގައި ގޯކުލަމްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މާޒިޔާގެ ޓަނާ އާއި، ހަމްޕު އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން މެޗުގެ 84 ވަނަ މިނެޓުގައި މާޒިޔާގެ ކާޓަލް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ.

މި ގްރޫޕުގައި އިއްޔެ ހަވީރު މޯހަން ބަގާން ވަނީ 4-0 ގެ ނަތީޖާއަކުން ބަޝުންދަރާ ކިންގްސް 4-0 އިން ބަލިކޮށްފައެވެ. އެއާއެކު މި ގްރޫޕްގެ ހަތަރު ޓީމަށްވެސް މިހާރު ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އެހެންކަމުން މި ގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ.

އެގޮތުން ގްރޫޕުގެ ފަހު މެޗުގައި އަންގާރަ ދުވަހު ހަވީރު ގޯކުލަމް ކުޅޭނީ ބަޝުންދަރާއާއެވެ. އަދި އެރޭ ގްރޫޕްގެ ފަހު މެޗުގައި އޭޓީކޭ މޯހަން ބަގާން ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އޭއެފްސީ ކަޕުގެ އިންޓަ ޒޯނަލް ޕްލޭއޮފުން ފުރުސަތު ލިބޭނީ މި ގްރޫޕުން އެއްވަނަ ހޯދާ ޓީމަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *