މިނިވަން ކަމުގެ ދިފާޢުގައި ކުރާ ގައުމީ ޖިހާދެއް ނުހުއްޓުވޭނެ: ތޮލާލް

މިނިވަން ކަމުގެ ދިފާޢުގައި ކުރާ ގައުމީ ޖިހާދެއް ނުހުއްޓުވޭނެ: ތޮލާލް

Author
މުޙައްމަދު ޝަޒައިމް
18 މެއި 2022 06:41
0

ދިވެހި ރައްޔިތުން މިނިވަންކަމުގެ ދިފާއުގައި ކުރާ ގައުމީ ޖިހާދެއް ނުހުއްޓުވޭނެ ކަމުގައި ޕީޕީއެމްގެ ސެކެޓްރީޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ތޮލާލް މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކޮށް ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލާއި "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމުގައިވާ އަލީ ނަސީމް (ތަކަނޭ) ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

ތޮލާލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ބާރެއްގެ ތެރެއިން ޤާނޫނުއަސާސީއާއިވެސް މުޅިން ޚިލާފު ޤަރާރެއްގެ މައްޗަށް ބުރަވެ ތިބެ ފުލުހުން، ޢާންމު ރައްޔިތުން ޙައްޔަރުކުރަމުންދާކަމަށެވެ. އަދި މިިއީ ސަރުކާރުން ދައުލަތުގެ އެކި މުއްސަސާތަކާއި ގުޅިގެން ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާގެ ބާރު ކަނޑުވާލުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށާއި އެކަން ކުށްވެރިކުރައްވާކަމަށެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ތޮލާލް ވިދާޅުވީ މިގޮތަށް ކިތަންމެ ބިރެއް ދައްކައި ރައްޔިތުންނާއި، ދެކޮޅަށް ހަނގުރާމަ އޮއުލާންކޮށް، ފުލުހުން ހިންގާ އަމަލުތަކަކީ ދިވެހި ރައްޔިތުން ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރަން ކުރާ ޖިހާދު ހުއްޓުވޭނެ ކަމެއް ނޫންކަމަށެވެ. ޤާނޫނީ އިމުން ބޭރުން ކުރެވޭ މިފަދަ އެއްވެސް ކަމަކަށް ދިވެހި ރައްޔިތުން އިޖާބަ ނުދޭނެކަމަށް ތޮލާލް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ދިވެހީންގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ކުރަމުން މިގެންދާ ގައުމީ ޖިހާދެއް ނުހުއްޓުވޭނެ! ސަރުކާރުން ކުރާ ޢައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް ސަލާމަތީ ބާރުތަކަށް ގޮވާލަން.

– ތޮލާލް ވިދާޅުވިއެވެ.

ފުލުހުން ބުނީ،" އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ. އެއީ މުހައްމަދު އިސްމާއީލްގެ އިތުރުން ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ)އެވެ. އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާއިރު، އެ ހަރަކާތް ހުއްޓުވުމަށް ރައީސްގެ ރިޔާސީ ޤަރާރަކުން ވަނީ އިދާރާތަކަށް އަމުރުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.