ޔުވެންޓަސްގެ ލެޖެންޑް ޖިއޯޖިއޯ ކިއެލީނީ އަދި ފޯވަޑް ޕައުލޯ ޑިބާލާ އެ ކްލަބުގެ ދަނޑުގައި ކުޅުނު ފަހު މެޗުގައި ރޭ, ލާޒިއޯއާ ވާދަކުރި މެޗް 2-2 އިން އެއްވަރުވެއްޖެއެވެ.
ޑިބާލާ އަދި ކިއެލީނީގެ ފަހު މެޗުގައި ރޭ ލާޒިއޯ އިން އެއްވަރުކުރީ ޔުވެންޓަސް އިން ދެ ގޯލްގެ ލީޑެއް ނަގާފައިވަނިކޮށެވެ. މެޗުގެ 10 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ޔުވެންޓަސްގެ ފުރަތަމަ ގޯލް ޖެހީ ޑުސާން ވްލަހޮވިޗެވެ. މެޗުގެ 36 ވަނަ މިނެޓްގައި ހުއާން ކުއަޑްރާޑޯގެ އެހީތެރިކަމާއެކު ޔުވެންޓަސްގެ ދެވަނަ ގޯލް ޖެހީ މޮރާޓާއެވެ.
ލާޒިއޯ އިން އެއްވަރުކުރީ މެޗުގެ 51 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިފެންޑަރު އެލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގައި ލާޒިއޯ އިން ނަތީޖާ އެއްވަރު ކުރީ މިލިންކޮވިޗް ސަވިޗް ޖެހި ގޯލުންނެވެ.
ޔުވެންޓަސް އިން އާ ކޮންޓްރެކްޓެއް ދޭން ކުރި މަސައްކަތުގައި އެއްބަސްވުމަކަށް ނާދެވި ޑިބާލާ ވަނީ އެ ކްލަބް ދޫކޮށްލަން ނިންމައިފައެވެ. ހަތް އަހަރު ޔުވެންޓަސް އަށް ކުޅެދިން ޑިބާލާ ފަހަކަށް އައިސް އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނުއިރު، ޔުވެންޓަސްއާ އެކު އޭނާ ވަނީ 12 ތަށި ހޯދައިފައެވެ. އޭގެ ތެރެއިން ފަސް ތަށްޓަކީ އިޓާލިއަން ލީގެވެ. ޑިބާލާ، 28، ވަނީ ޔުވެންޓަސް އަށް 291 މެޗުން 115 ގޯލު ޖަަހައިފައެވެ.
ސަތާރަ އަހަރު ކޮށްފައި، ޔުވެންޓަސް ދޫކޮށްލަން ނިންމި ކިއެލީނީ ރޭގެ މެޗުގައި ވަނީ 18 ވަނަ މިނިޓްގައި ބަދަލުކޮށްފައެވެ. ފިއޮރެންޓީނާ ދޫކޮށް 2005 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ކިއެލީނީ ވަނީ އެ ޓީމާ އެކު ނުވަ ލީގު ތަށްޓާއި ފަސް އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ. އިޓަލީ ގައުމީ ޓީމުން މިދިޔަ އަހަރު ރިޓަޔާކުރި އުމުރުން 37 އަހަރުގެ ކިއެލީނީ ދެން ކުޅޭނެ ކްލަބެއް އަދި ނުނިންމައެވެ.