ދައުލަތުގެ ބައެއް ވެރިންނާއި އިސް މަޤާމުތަކުގައި ތިއްބެވި ބަޔަކު ހައްޔަރުކުރާނެކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމިން އިންޒާރު ދެއްވުމާ ގުޅިގެން އެކަން ކުށްވެރިކޮށް, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން އެކަން ކުށްވެރިކޮށްފިއެވެ.
އެމްއެންޕީން ނެރުނު ބަޔާނެއްގަިއ ވަނީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާ އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށްޓަކާ ވަކި ބާރެއްގެ ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އުފެދިގެން ދިއުންކަމަށެވެ. އެގޮތުން، އަމިއްލަ ފަރުދަކުވިޔަސް ނުވަތަ ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ކަމުގައިވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން އެހީތެރިވާންވާނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް އެމްއެންޕީން ބުންޏެވެ.
އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން 15 އަހަރު ވެގެންދާއިރު، ދިވެހިރާއްޖޭގައި އަދިވެސް ރައްޔިތުން އެދޭފަދަ މިނިވަން، އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމްވެފައިނުވާކަމުގެ ޝަކުވާއަކީ ގިނަ ރައްޔިތުން މިއަދުވެސް ކުރަމުންދާ އަދި އެޕާޓީން ގަބޫލުކުރަނީ އެފަދައިން ޝަކުވާ ކުރަނީ ޝަރުއީ ދާއިރާގެ ކަންކަން ނިންމުމުގައި ސިޔާސީ ނުފޫޒު ފޯރަމުންދާކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާތީކަމަށް އެމްއެންޕީން ބުންޏެވެ. އެގޮތުން، ޝަރުއީ ދާއިރާ މިނިވަންކުރުމަކީ މި ސަރުކާރުންވެސް ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ އެންމެ މުހިންމު އެއް ވައުދުކަމަށްވެފައި، ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)، ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށްޓަކައި، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް ސަރުކާރުން އަދި މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވުމަކީ ކަންބޮޑުވާކަމެއްކަމަށް އެމްއެންޕީން ބުންޏެވެ.
އެހެންކަމުން، ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެމްއެންޕީން ވަނީ ގޮވާލާފައެވެ.
ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، އެފަރާތްތަކަށް ދެމުންދާ އިންޒާރުތަކަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށްވާތީ، މިޕާޓީން އެކަން ކުށްވެރިކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް އެފަރާތްތަކަށް ގޮވާލަމެވެ. މީގެ އިތުރުން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ހިދުމަތްތަކަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ވަރަށް މުހިންމު ގާނޫނީ ޒިންމާތަކެއް ހަވާލުކުރެވިފައިވާ ފަރާތްތަކެއް ކަމަށްވާއިރު، އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށްޓަކައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދޭންޖެހެއެވެ.
– އެމްއެންޕީގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް، އެފަރާތްތަކުން ކުރާ ތަހްގީގުތަކާއި ނިންމާ ނިންމުންތަކުގައި ބައެއް ފަހަރަށް ސިޔާސީ ނުފޫޒު އެކުލެވޭކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށާއި،. އެހެންކަމުން، ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރުމުގައި ނުފޫޒުތަކަށް ނުލެބި، އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން އެފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަމަށް އެޕާޓީން ދެކޭކަމަށްވެސް އެމްއެންޕީން ބުންޏެވެ. ހަމައެއާއެކު، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ އޮފިސަރުން މަގާމުގެ ހައިސިއްޔަތުން ކުރާ ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެފަރާތްތަކަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ އަމަލުތަކަކީ ތަހްޒީބީ މުޖްތަމައުއެއްގައި އަމަލުކުރަންޖެހޭނެ ގޮތެއް ކަމަށް މިޕާޓީން ނުދެކެމެވެ. އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާނަމަ، އެކަމެއް ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކަށް އެމައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި، ސިޔާސީ ޕޯޑިއަމްތަކުގައި އެފަރާތްތަކަށް އިންޒާރު ދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއްކަމަށް އެޕާޓިން ނުދެކޭކަމަށްވެސް އެމްއެންޕީން ބުންޏެވެ.
އެމްއެންޕީން މިހެން ބުނެފައިވާއިރު، ރައީސް ޔާމީން ދާދިފަހުން ވިލިމާލޭގައި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ވަނީ އެމަނިކުފާނަށް ހުކުމްކުރެއްވި ސުޕްރީމްކޯޓުގެ މިހާރުގެ ފަނޑިޔާރު ޢަލި ރަޝީދު ޖަލަށް ލައްވާނެކަމުގެ އިޝާރާތެއް ޔާމީން ކުރައްވާފައިވެއެވެ. މީގެ އިތުރުން މިހާރު ސީޕީ ހަމީދުވެސް ޖަލަށް ލައްވާނެކަމުގެ އިންޒާރު ދެއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ