މައުމޫނަށް ޖަލަށް ދާންޖެހުނީ ދައުލަތް ވައްޓާލުމަށް އިސްވެ މަސައްކަތް ކުރުމުން: ޔާމިން

މައުމޫނަށް ޖަލަށް ދާންޖެހުނީ ދައުލަތް ވައްޓާލުމަށް އިސްވެ މަސައްކަތް ކުރުމުން: ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު ހައްޔަރުކުރެއްވީ ކުށެއް ނުކުރައްވަނީސް ނޫން ކަމަށާއި، އެ ނިންމެވުމަކީ މުޅި ދައުލަތް ވައްޓައިލުމަށް ސުޕްރީމް ކޯޓުގެ ތެރެއިން އަމުރެއް ނެރުއްވުމުގެ އިސް މޭސްތެރިއަކަށް އެމަނިކުފާނު ހުންނެވުމުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ބޭބޭފުޅު ހައްޔަރުކުރަން ނިންމެވީ އެމަނިކުފާނު ނޫންކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ނިންމެވުމެއް ކަމަށެވެ. އަދި އެކޮމިޓީން އެކަން އެގޮތައް ނިންމީ އެމަނިކުފާނުގެ އަމިއްލަފުޅު ޙައްޤަކަށް ރައީސް މައުމޫނު އަރާވަޑައިގަތުމުން ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ޔާމިން ވިދާޅުވިއެވެ.

"އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީކީއެއް. އެއީ ކޮމެޓީގެ ނިންމުމެއް. އެ މައްސަލަ އިސްވެ ހުށައެޅީވެސް އަޅުގަނޑެއް ނޫން. އެހެންވީމަ މިއަދު ރައްޔިތުންނަށް މި ހަގީގަތްވެސް މި ދަންނަވާލީ. ނަމަވެސް ދަންނާލަން އޮތީ ގާތް މީހަކު ނަމަވެސް މުޅި ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިޔައީމަ އެ ވަގުތަކު ދައުލަތް ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް ޖެހޭނެ މުޅި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން. އެ ގޮތުން އެޅި ފިޔަވަޅެއް އެޅީ،" – ރައީސް ޔާމިން

ގާތް މީހެއް ކަމުގައިވީ ނަމަވެސް ދައުލަތުގެ ހައްގަށް އަރައިގަންނަ ފަދަ އަމަލެއް ކުރައްވައިފިނަމަ ރައްޔިތުންގެ ހައްގުގައި އަޅުއްވަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަށް ފަހު ހިނގާދިޔަ ސިޔާސީ އެކިއެކި ކަންތައްތަކުގެ ތެރެއިން ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ. އޭގެ ކުރީން އެމަނިކުފާނު ގެންދެވީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރަން ބާރު އަޅުއްވާ ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުންނެވެ.

އޭރު ރައީސް މައުމޫން ހައްޔަރުކޮށް 8 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ޖަލުގައި ގެންގުޅުއްވައި، ގިނަ ދައުވާތަކެއް އުފުލިއެވެ. ބައެއް ދައުވާތައް ސާބިތުވާ ކަމަށް ނިންމާ ޖަލު ހުކުމްތައްވެސް އިއްވިއެވެ. އެމަނިކުފާނަށް ދީފައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ފަދަ ބައެއް ހުއްދަތައްވެސް ބާތިލުކުރިއެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވުމުން ރައީސް ޔާމީންގެ ވެރިކަމުގެ ބާރުތައް ގެއްލުމާއެކު ރައީސް މައުމޫން މިނިވަންކުރުމަށް ކޯޓުން ހުކުމްކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *