މަކަރާއި ހީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ބަންދުން ދޫކޮށްލި މައްސަލާގައި ހައިކޯޓުގައި ކުރިއަށްދާ ޝަރީޢަތުގައި ހުކުމް އިއްވުން އާދީއްތަދުވަހަށް ތާވަލުކޮށްފިއެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ހިޔާނާތްތެރިވި މައްސަލާގައި ދައުވާ އުފުލާފައި ވަނިކޮށް މާޗުމަހު ކްރިމިނަލް ކޯޓުން ވަނީ އައްމަޓީ ބަންދުން ދޫކޮށްލާފައެވެ. ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، މުއްދަތު ހަމަވިފަހުން އިސްތިއުނާފްކުރިކަމަށް ބުނެ ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.
ހައިކޯޓުގެ މި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އިސްތިއުނާފް މުއްދަތު ހައިކޯޓުން ގުނީ ގޯސްކޮށްކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.
މިއަމުރާ ގުޅިގެން ހައިކޯޓުގައި މިއަދު ވަނީ މިމައްސަލައިގެ އަޑު އެހުމެއް ބާއްވާފައެވެ. މިއަދުގެ އަޑުއެހުމުގައި މިމައްސަލައިގެ އަޑުއެހުންތައް ނިންމާލައްވައި، އަންނަ އާދީއްތަ ދުވަހު މައްސަލައިގެ ހުކުމް އިއްވުން އޮންނާނެކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކުރައްވާފައެވެ.
މި މައްސަލަ ބައްލަވާ ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އޭނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުއެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.
ކޮމެންޓު ފޮނުވާ