ރަޝިއާ ސިފައިން ޔޫކުރެއިންގައި ހަނގުރާމަ ކުރަމުންދަނީ އަމިއްތަ ވަތަނާއި އަންނަން އޮތް ޖީލުގެ ދިފާއުގައި ކަމުގައި، ރަޝިއާގެ ރައީސް ލާޑީމިރު ޕުޓިން ވިދާޅު ވެއްޖެއެވެ.
ޕުޓިން މިހެން ވިދާޅުވެފައިވަނީ، ދެވަނަ ބޮޑު ހަނގުރާމާގައި ނާޒީ ޖާމަނީގެ ކިބައިން ރަޝިއާއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރުވެސް އެގައުމުގައި ފާހަގަކުރާ ވިކްޓަރީ ޑޭ (ކާމިޔާބީގެ ދުވަސް) ފާހަގަ ކުރުމަށް މިއަހަރު ބޭއްވުނު ރަސްމިއްޔާތުގައި ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.
މުހިންމު އާ ކަންތައްތަކެއް ޕުޓިން އިއުލާން ކުރައްވާނެކަމަށް ގިނަ ބަޔަކު ހީކުރު މި ތަގުރީރުގައި، ގިނަ ބައެއްގެ ހީކުރުންތަކާއި ޚިލާފަށް މިތަގުރީރު ޕުޓިން މުޅިންވެސް ޚާއްސަ ކުރައްވާފައިވަނީ، އެގައުމުގެ ސިފައިން ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމަ ދިފާއު ކުރެއްވުމަށެވެ.
ޕުޓިންގެ ވާހަކަފުޅުގައި އޭނާވަނީ، ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމަ، 1945ވަނަ އަހަރު، ދެވަނަ ބޮޑު ހަނގުރާމާގައި ރަޝިއާއަށް ލިބިގެންދިޔަ ކާމިޔާބީއާއިވެސް ގުޅުވާލާފައެވެ. އަދި ވިދާޅުވެފައިވަނީ، ރަޝިއާއިން ޔޫކުރެއިނަށް އަސްކަރީ ހަމަލާ ދޭން މަޖުބޫރުވީ، ރަޝިއާގެ ސިކިއުރިޓީ ޑިމާންޑްތަކަށް ހުޅަނގާއި ނޭޓޯއިން އިޖާބަ ނުދިނުމުގެ ސަބަބުން ކަމުގައެވެ.
މިހާރު 10 ހަފްތާ ވެގެން ގޮސްފައިވާ މި ހަނގުރާމާގައި އާންމުން ރައްޔިތުން މަރުވަމުންދާ ނިސްބަތްދަނީ އިތުރު ވަމުންނެވެ.
ރަޝިއާގެ ބޮމުގެ ހަމަލާތަކުން ސަލާމަތްވުމަށް، ޔޫކުރެއިންގެ ބިލޮހޮރިވްކާ ޓައުންގައި އާންމުން ޖަމާވެފައިތިބި ސްކޫލަކަށް ރަޝިއާއިން ބޮން އެޅުމުގެ ސަބަބުން 60 މީހަކު މަރުވެފައި ވާކަމަށް ޔޫކުރެއިން ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.
އަސްކަރީ ބޭންޑާއި އަދި އަސްކަރީ އުޅަނދުތަކާއެކު ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިޔަށް ދިޔަ މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕުޓިން ވަނީ، ޔޫކުރެއިންގައި އޮތް ސަރުކާރަކީ، ނާޒީންނަށް ނިސްބަތްވާ ސަރުކާރެއްކަމުގައި އޭނާ ކުރައްވާ ތުހުމަތު ތަކުރާރު ކުރައްވާފައެވެ.
ރަޝިއާގެ ރައީސް ވިދާޅުވެފައިވަނީ، އެގައުމުގެ އިރުމަތީގައި ހަގުރާމަ ކުރަމުންދާ ރަޝިއާގެ ސިފައިން ހަނގުރާމަ ކުރަމުންދަނީ، އަމިއްލަ ގައުމާއި ރައްޔިތުންގެ ދިފާއުގައި ކަމަށާއި، މި ހަނގުރާމާގައި މަރުވާ ސިފައިން ގައުމަށްޓަކާ ވާ ގުރުބާނީގެ އަގު އޭނާގެ ސަރުކާރުން ވަޒަން ކުރާނޭކަމުގައެވެ. އަދި ވިދާޅުވެފައިވަނީ، އެ ސިފައިންނާއި އޮފިސަރުންގެ އާއިލާތަކަށް ސަރުކާރަށް ވެވުނު އެންމެ މަތީ ދަރަޖައެއްގައި އެހީތެރިކަން ފޯރުކޮށް ދެއްވާނޭ ކަމުގައެވެ.