ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީގެ އެއް އަހަރު ކުރިން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅިގެން މަޖިލީހުން ހެދި އިންކުއަރީގައި ލަފާދިން ކަންކަން ތަންފީޒެއް ނުކުރާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވެއްޖެއެވެ.
ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ފުރުމާ ދިމާކޮށް މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އީވާ މިއަދު އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންކުއަރީގެ ލަފާތައް ތަންފީޒު ނުކުރުމަކީ ބަލައިނުގަނެވޭނެ ކަމަށެވެ. އަމާންކަމާއެކު ސިޔާސީ ލީޑަރުންނަށް ރައްޔިތުންނަށް ފަސޭހައިން ބައްދަލުކުރެވޭނެ މާހައުލެއް ގާއިމުވެފަ އޮތުމަކީ ޑިމޮކްރެސީގެ އަސާސެއްކަމަށް އީވާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އީވާ ވަނީ ހަމަލާގެ ތަހުގީގާއި އެ ހަމަލާ ދިނުމުގައި ހިމެނޭ މީހުން ޝަރީއަތްތައް ލަސްވުމުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނަޝީދަށް އެމަނިކުފާނު އެންމެ ގަޔާވާ މަސައްކަތް ކަމުގައިވާ، ރައްޔިތުންނާ ބައްދަލުވެ އުޅުމަށް ހުރަސްއެޅި، ސެކިއުރިޓީ ކޯޑަންއެއްގެ ފަހަތުގައި ދިރިއުޅެން މަޖުބޫރުވެފައިވާކަމަށް ވިދާޅުވެފަ އެވެ.
އަދި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ވެސް އަދާކުރައްވަން ޖެހޭ ޒިންމާތަކަށް އެކަމުގެ ސަބަބުން އަސަރުކުރާކަމަށް އީވާ އެ ބަޔާނުގައި ވިދާޅުވި އެވެ. އީވާ އިތުރަށް ވިދާޅުވީ، ތަހުގީގާއި ޝަރީއަތްތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ހަމަލާގައި ދެން ހިމެނޭ މީހުންނަށް ފިލަން ފަސޭހަވެ ނުވަތަ ބިރަކާ ނުލާ މުޖުތަމައުގައި ދިރިއުޅެން ވެސް ފުރުސަތު ލިބިގެންދާކަމަށެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ ދީފައިވަނީ ރޭޒަރު ފުށް އަޅާފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އޭގެ 11 އެތިކޮޅު ނަޝީދު ހަށިކޮޅުން ޑޮކްޓަރު ވަނީ ނަގާފައެވެ. އަދި ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށްވެސް އަނިޔާވިއެވެ.
ދީނީ ގޮތުން ހައްދުފަހަަނައަޅާފައިވާ ފިކުރުގެ ބަޔަކު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އަހަރު ދުވަސް ފުރުމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނުގައި ވަނީ އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީއަތް ލަސްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އެގޮތުން ޝަރީއަތް ނިމިފައިވަނީ އެންމެ ފަރާތެއްގެކަން ފާހަގަކުރައްވާ ބަޔާނުގައި ވަނީ އެ ހަމަލާދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި 8 މީހުންގެ ޝަރީއަތް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާކަމަށެވެ.
މި ބަޔާނުގައި ވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމާލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީގުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި އެ ހަމަލާގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިަމައްޗަށް ގެނައުމަކީ ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަމެއްކަމަށްވެސް މި ބަޔާނުގައި ވެއެވެ.