ވެލެންސިއާ ބަލިކޮށް ސަސް ތާވަލުގެ ހަތަރަކަށް

ވެލެންސިއާ ބަލިކޮށް ސަސް ތާވަލުގެ ހަތަރަކަށް

Author
މުޙައްމަދު ޝަޒައިމް
05 މެއި 2022 08:32
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް ތާވަލުގެ ކުރިއަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ސަސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 40 ވަނަ މިނެޓުގައިވެސް އިއްބެއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެ ފަހުން ވެލެންސިއާގެ އިސްމާއީލް އީސަ (މެސީ) އަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ސަސްއިން ލީޑު ނަގާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަސޫހެވެ. އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ސަސްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަސޫހެވެ.

މި މެޗުގެ 90 ވަނަ މިނެޓުގައި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ވަނީ ފަރަގު ކުޑަކުރަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ޔާނު ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ސަސް ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ހަތަރުވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ އެއްވަރަށް ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތުންވެސް އެއްވަރުވެގެންނެވެ. ސަސް އާއި ޔޫވީއަށް ވަނީ 14 ޕޮއިންޓް ލިބިފައެވެ. ސަސްއިން 11 މެޗު ކުުޅުނުއިރު، ޔުނައިޓެޑް ވިކްޓްރީ ކުޅުނީ 10 މެޗެވެ.

މީގެ އިތުރުން ސަސް އަތުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ ފަސްވަނައިގައި 11 މެޗުން 13 ޕޮއިންޓާއެކުއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް ވެލެންސިއާ މޮޅުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.