ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހަދާ މަގުތަކުގެ މަސައްކަތުގެ ބޮޑުބައި ނިމި، މަގުބައްތި ޖެހުމަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މިހާރު ކުރެވޭ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ވަނީ ދީފައެވެ. އެގޮތުން މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން ތާރު އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމި ޕޭވްމެންޓް ހެދުމުގެ 91 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ.
އަދި މިހާރުވަނީ މަގުބައްތި ހަރުކުރުމަށް ބޭނުންވާ ސާމާނު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން ތާރު އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމި ޕޭވްމެންޓް ހެދުމުގެ 91 އިންސައްތަ ވަނީ ފުރިހަމަކުރެވިފަ. މަގުބައްތި ހަރުކުރުމަށް ބޭނުންވާ ސާމާނު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ. #MTCCProjects #RayyithungeKunfuni pic.twitter.com/297EJeJM1v
— MTCC Plc (@MTCCPlc) May 3, 2022
މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް، 4960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. ދުވާފަރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މައްސައްކަތް ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގައެވެ. ދެވަނަފިޔަވަހީގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ދުވާފަރުގެ ބޮޑު 7 މަގެއްގަ ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ37.8 މިލިއަން ރުފިޔާއަށެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިިޔަވަހީގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އެމްޓީސީސީން ވަނީ ނިންމާފައެވެ. މިފިޔަވަހީގެ ދަށުން 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ވަނީ ތާރުއަޅާފައެވެ.