ބޮލީވުޑަށް މިވަނީ މިހާރު ކައިވެނީގެ މޫސުމެއް އައިސްފައެވެ. ކުރިއާ ހިލާފަށް ބޮލީވުޑްގައި މިހާރު ޅަ އުމުރުގައި ކައިވެނި ކުރުމާއި ދަރިން ހޯދުން ވަނީ އާންމު ވާން ފަށާފައެވެ.
އެގޮތުން އެންމެ ފަހުން ކައިވެނި ކުރި ޖޯޑަކީ މަޝްހޫރު ޒުވާން ދެތަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓެވެ.
އަނެއްކާވެސް ޒުވާން ތަރިއެއް ކަމަށްވާ އާތިޔާ ޝެއްޓީގެ ކައިވެނީގެ ވާހަކަ މިވަނީ ގަދަވެފައެވެ. އާތިޔާއަކީ ކުރީގެ މަޝްހުރު އެކްޓަރ ސުނިލް ޝެއްޓީގެ އަންހެން ދަރިފުޅެވެ.
ބޮލިވުޑްގެ ޚަބަރުތަށް ގެނެސްދޭ ނޫހެއް ކަމުގައިވާ "ބޮލީވުޑް ލައިފް" އިން ބުނީ އާތިޔާ، ،29، އާއި އިންޑިއާގެ ކްރިކެޓް ތަރި ކޭއެލް ރާހުލް، 30، ގެ ކައިވެނީގެ ތައްޔާރީތައް ސުނިލް އިސްކޮށް ހުރެގެން މިހާރު ވެސް ފަށާފައި ވާކަމަށެވެ.
އާތިޔާ އާއި ރާހުލް ޑިސެމްބަރުގައި ކައިވެނިކުރާ ކަމަށް ރިޕޯޓްތައް ބުނި ކަމުގައި ވިޔަސް އަދި ރަސްމީކޮށް މިދެމީހުންވެސް ނުވަތަ އާއިލާއިންވެސް މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެތާ މިހާތު 3 ވަރަކަށް އަހަރު ވެދާނެއެވެ.
ރާހުލް އާއި ސުނިލްގެ އާއިލާ ޚުދު ސުނިލްއާ ވެސް ވަރަށް ގުޅުން ރަނގަޅު ކަމަށާއި ކައިވެނީގައި ބޮލީވުޑާއި ކްރިކެޓް ދުނިޔޭގެ ގިނަ ބަޔަކު ބައިވެރި ވާނެ ކަމަށް ޚަބަރުތަށް ބުނެއެވެ.
އާތިޔާ ބޮލިވުޑަށް ތައާރަފްވީ 2015 ގެ "ހީރޯ" އިންނެވެ. ނަމަވެސް ބައްޕަ ސުނިލް ފަދަ މަގުބޫލު ކަމެއް އަދި މިހާތަނަށް މި ދާއިރާގައި ނުލިބި، އަތިޔާ ފާހަގަ ވަނީ ކުރިއަށްދާނެ ފުރުސަތުތައް މަދު ބަތަލާއެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ